އައްޑޫ ސިޓީ ގަމުން ސީދާ ސައޫދީ އަރަބިއްޔާގެ މައްކާއަށް އުމްރާ ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
މިހާތަނަށް އުމްރާގެ އަޅުކަމަށް ރާއްޖެ އިން މީހުން ފުރަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެހެންކަމުން މިއީ ރާއްޖޭގެ ދެކުނުގެ އެއާޕޯޓަކުން ސައޫދީ އަށް ސީދާ އުމްރާ ދަތުރެއް ބާއްވާ ފުރަތަމަ ފަހަރެވެ.
އުމްރާގެ ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ޓްރެވެލާ އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއާ ގުޅިގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ސައުދީގެ ޖިއްދާ އަށް ދަތުރެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. މި ދަތުރުތައް ފެށުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މި ދަތުރުގެ ބުކިން އަށް ވަރަށް އަވަހަށް ހުޅުވާލަން ވަނީ ނިންމައިފައެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި ދަތުރުތަކަށް ބޭނުންކުރާނީ މޯލްޑިވިއަންގެ “ވައިޑް ބޮޑީ” މަތިންދާބޯޓު (A330) ކަމަށެވެ.