ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނެވެ. އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.
އެހެންނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައެއް ފެންމަތިވުމާއެކު، އެމްޑީއޭއިން ވަނީ އެ މައްސަލަ އީސީގެ ސަމާލުކަމަށް ގެނެސްފައެވެ. މީގެ އިތުރުން ޕީއެންސީންވެސް ވަނީ އެ ދާއިރާގެ ވޯޓު ގުނުމުގައި ބާތިލު ވޯޓެއް އޮތުމުން އަލުން ގުނައިދިނުމަށް އެދި މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލައިގައި އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުންގެ އިއްތިފާގުން މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު ވަނީ އުނިކޮށްފައެވެ. އަދި އެ ކޮމިޝަނުން އަލުން ވޯޓު ގުނުމުން އެއް ވޯޓުގެ ތަފާތުން ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.
މީދޫ ކައުންސިލްގެ ރައީސްގެ ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ޕީއެންސީގެ ފަރާތުންނެވެ. އެހެންނަމަވެސް އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމިކަމެއް އެނގިފައެއް ނުވެއެވެ.