English Edition
Dhivehi Edition
ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަލީ ހައިދަރު

ގައުމަށް އެންމެ ބޭނުންވާ ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށްޓަކައި، ކޮންމެ އަހަރަކު ދޫކުރާ މަތީ ތައުލީމުގެ ލޯނު ސްކީމުގެ 50 ޕަސަންޓު ޓެކްނިކަލް ދާއިރާތަކަށް ހާއްސަކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އަލީ ހައިދަރުއެވެ. މިނިސްޓަރު ވިދާޅުވީ ޓެކްނިކަލް ނޫން ދާއިރާތަކަށް ދެވޭ ލޯނުގެ އަދަދު ވަކި މިންވަރެއްގައި ހިފެހެއްޓި ނަމަވެސް، ޓެކްނިކަލް ދާއިރާތަކުން ކިޔަވަން ބޭނުންވާ ކުދިންނަށް އެއްވެސް ލިމިޓެއް ނެތި ފުރުސަތު އޮންނާނެ ކަމަށެވެ.

މި ފަހަރުގެ ލޯނު އުސޫލަށް ގެނައި މުހިއްމު ބަދަލުތަކުގެ ތެރޭގައި، ލޯނަށް އެދި ފޯމު ހުށަހެޅުމަށް ވަކި ސުންގަޑިއެއް ނޯންނާނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މީގެ ސަބަބުން ކޮންމެ ދަރިވަރަކަށްވެސް ކިޔަވަންދާން ތައްޔާރުވެ، ޕްލޭސްމަންޓް ލިބުމުން ކޮންމެ ވަގުތަކުވެސް ލޯނަށް އެދެވޭނެ ކަމަށެވެ. އަދި ކުރިން އޮތް “އަލަށް ކިޔަވާ ކުދިން” އަދި “ކިޔަވަމުންދާ ކުދިން” މި ދެ ކެޓަގަރީ މިހާރު ވަނީ އުވާލާފައެވެ. މީގެ އިތުރުން މިހާރު ދޫކުރާ ލޯނުތަކަކީ ޝަރީއާ ކޮމްޕްލަޔަންޓް، އިތުރު އިންޓްރެސްޓެއް ނުނަގާ ގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.

“މީގެ މަގުސަދަކީ ކޮންމެ ދަރިވަރަކީވެސް ރާއްޖެ ބިނާކުރުމުގައި ބައިވެރިވާނެ ތައުލީމީ، ގާބިލު ފަންނުވެރި ހުނަރުވެރި މީހަކަށް ހެދުން،” މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ގެނެވުނު ބަދަލުތަކުގެ ސަބަބުން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ފުރުސަތު ޔަގީންވާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޭ ސްޓައިޕެންޑުގެ އުސޫލު މުރާޖާ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.