English Edition
Dhivehi Edition

ސްކޫލް ކައުންސެލަރުންނަށް ސުޕަވިޝަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމެއްގައި ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން (ޝީ)އާއި އެކު މިއަދު އެއްބަސްވުމެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ސޮއި ކުރައްވައިފިއެވެ.

މި އެއްބަސްވުމުގެދަށުން ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ ކައުންސެލަރުންނަށް ޝީގެ ފަރާތުން ދެ އަހަރު ދުވަހުގެ މުއްދަތަށް ސުޕަވިޝަން އާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މިއަދު ޝީ އާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން، ސްކޫލް ކައުންސެލަރުންނަށް ބޭނުންވާ ފަންނީ ލަފައާ އިރުޝާދުގެ އިތުރުން މަސައްކަތްކުރާނެ ހަރުދަނާގޮތްތަކެއް ރާވާ ތަންފީޛުކުރުމަށް އެހީތެރިކަންލިބިގެންދާނެކަމަށް އެޑިޔުކޭޝަނުން ބުނެއެވެ.

ޝީ އަކީ މިހާރުވެސް ދަރިވަރުންނަށް ބޭނުންވާ އިޖުތިމާޢި އެހީތެރިކަން ފޯރުކޮށްދިނުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެކު ގިނަ މަސައްކަތްތަކެއް ކުރައްވާ ފަރާތެކެވެ.

ރާއްޖޭގެ ސްކޫލްތަކަކީ ރައްކާތެރި، ކުދިންނަށް ބޭނުންވާ އެކިއެކި ޚިދުމަތްތަކާއި އެހީތެރިކަން ލިބޭތަނަކަށް ހަދަން މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ބޭނުންވެއެވެ. އެގޮތުން ސްކޫލްގައި ތަޢުލީމް ހާޞިލްކުރާ ކޮންމެ ދަރިވަރަކީ ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ އަދި ދިރިއުޅުމުގައި ކާމިޔާބު ކުދިބަޔަކަށް ހެދުމަށްޓަކައި ކުދިންނަށްބޭނުންވާ ހުނަރާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ސްކޫލް ކައުންސެލަރުންނަކީ މުހިއްމު ދައުރެއްއަދާކުރާ ބައެކެވެ. ސްކޫލް ކައުންސެލަރުންނަކީ މިހާރުވެސް ސްކޫލްތަކުގައި މިގޮތުން ތަފާތު ހަރަކާތްތައް އެކުލަވާލާ ކުރިއަށްގެންދާ ފަރާތްތަކެކެވެ.

މިވަގުތު ރާއްޖޭގެ ސްކޫލްތަކުގައި 53 ސްކޫލް ކައުންސެލަރުން ހަރަކާތްތެރިވަމުންދެއެވެ. މީގެ ތެރެއިން 40 ކައުންސެލަރުންނަކީ އަތޮޅުތަކުގެ ސްކޫލުތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެވެ.