English Edition
Dhivehi Edition

ކޮންމެ ފަދަ ކުޅިވަރެއް ކުޅުމުގެ ކުރިން ކަސްރަތުު ނުވަތަ ‘ވޯމް އަޕް’ ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެއިގެ ސަބަބުން ހަށިގަނޑުގެ ހޫނުމިން މަތިކޮށްދީ، މަސްތައް ތައްޔާރުކޮށްދެއެވެ. އަދި ނާރުތަކާއި، މަޑު ޓިޝޫތަކާއި ހުޅުތަކާއި ހިތުގެ މަސްތައް ވެސް ކުރަން އުޅޭ ހަރަކާތްތަކަށް ތައްޔާރުކޮށްދެއެވެ. ރަނގަޅު ވޯމް އަޕެއްގެ ކޮށްފިނަމަ ހަށިގަނޑުގެ މަސްތަކަށް އަންނަ ވިލުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކޮށްދީ ހިތުގެ މަސައްކަތުގެ ރޭޓް ހަލުވި ކޮށްދެއެވެ. ދުވާމީހުންވެސް ކުއްލިއަކަށް ހަމަ ހުރެފައި ދުއްވައި ގަތުމަކީ ރަނގަޅުގޮތެއް ނޫނެވެ. އެއިގެ ސަބަބުން ހަށިގަނޑަށް ކުއްލި ޝޮކެއް ލިބި، ލިބޭ ގެއްލުން އިތުރު ވެގެންދެއެވެ. އަދި ލިބޭ އަނިޔާ ބޮޑުވެ މަސްގަނޑުތައް އިރައިގެން ދިޔުން ގާތެވެ. މިސާލަކަށް ހަށިގަނޑަކީ ޗުއިންގަމް ގަނޑެއްގެ ގޮތުގައި ވިސްނާލަމާ ހިނގާށެވެ. ޗުއިންގަމް ގަނޑު ޕެކެޓް އިން ނަގާއިރު އޮންނާނީ ވަރަށް ތާޒާކޮށް ރީތިކޮށެވެ. އެހެންނަމަވެސް އެ އަނގަޔަށްލައި ހަފާލައި، ބަޑި ފަޅާފައި ނިކަން ހިއްކާލަބަލާށެވެ. އެއިރަށް އެއަށް ވެފައި އޮންނަ ގޮތެއް ބަލާބަލާށެވެ. ހަށިގަނޑަކީ ވެސް އެފަދަ ނާޒުކު އެއްޗެކެވެ. ވޯމްއަޕަކީ ދުވުމުގެ ކުރިން ލަސްނުކޮށް ކުރަންޖެހޭ ކަމެކެވެ. އަދި އެއީ ލަސްލަހުން ފަރުވާތެރިކަމާއި އެކު ހުރިހާ މަސްތަކަށް އެއިގެ އަސަރު ކުރާ ގޮތަށް ކުރަން ޖެހޭ ކަމެކެވެ. މަޑުމަޑުން ހިނގުމަކީ ވޯމް އަޕްގެ ފެށުމެވެ. އެގޮތުން 3 ނުވަތަ 5 މިނަޓް އަށް މިގޮތަށް ހިނގާލުން ރަނގަޅެވެ. މީގެ ސަބަބުން ހުރިހާ މަސްތަކަށް ރަނގަޅަށް ލޭ ދައުރުވެގެން ދެއެވެ. އަދި މަސްތައް ވާންވެލުމަށް ފަސޭހަވެގެން ދެއެވެ. މިގޮތަށް ހިނގަމުންދައިރު އަތާއި ކޮނޑުހުޅުގެ ހަރަކާތްތައް އިތުރު ކުރުން ރަނގަޅެވެ. މީގެ ސަބަބުން ހަށިގަނޑުގެ މަތީބައި ގެ ހަރަކާތްތައް އިތުރުވެ، ހިތުގެ ހިނގުން މައްޗަށް ޖެހިލާނެއެވެ. އަދި ދުވުމަށް ހަށިގަނޑު ތައްޔާރުކޮށްލަދޭނެއެވެ. ހިނގުމުގެ ވޯމް އަޕަށްފަހު 3 ނުވަތަ 5 މިނަޓަށް މަޑު ދުވުމެއްގައި ދުވާނީއެވެ. މަޑު ޖޮގިންގައި ދުވަމުން ގޮސް ބާރުކުރާނީ އެވެ. މިގޮތަށް ހަދާއިރު ވިސްނަން ޖެހޭ ކަމަކީ ހަށިގަނޑުގެ މަސްތަކާއި، ލޭ ދައުރުކުރުން އެއް ހަރުފަތުން އަނެއް ހަރުފަތަށް ބަދަލުވާއިރު އެބަދަލުތައް އިހްސާސް ކުރެވޭނެކަމެވެ. ‘ޕްރީ ސްޓްރެޗިން’ ގެ ސަބަބުން މަސްތަކަށް ބޭނުންވާވަރަށް ލޭ ފޮނުވައި ދެެއެވެ. އެގޮތުން މަޑު ބޮޑެތި މަސްތަކަކީ ވަރުގަދަކޮށް ދުޅަހެޔޮކޮށް ހުންނަ މަސްތަކަށްވުމުން، ދުވުމުން އެމަސްތަކަށް ކުރާ އަސަރު ބޮޑުވެއެވެ. އަދި ލިބޭ ގެއްލުންވެސް ބޮޑުވެއެވެ. އެހެންކަމުން ދުވުމުގެ ކުރިން އެމަސްތައް ރަނގަޅަށް ހަރަކާތް ކުރެވޭ ވަރަށް ލޭ ފޯރުކޮށްދިނުމުގެ ގޮތުން ސްޓްރެޗިން ހެދުން މުހިއްމުވެގެން ދެއެވެ. ވާމް އަޕް ކޮށްގެން ދުވާ ދުވުމުގެ ސަބަބުން އެއިން ލިބޭ ފައިދާ އެންމެ ބޮޑަށް ލިބިގެންދެއެވެ. އަދި އެދުވުމަކީ މަޖާ ހިތްހަމަ ޖެހޭ ދުވުމަކަށް ވެގެންދެއެވެ. އެހެންނަމަވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަކީ އެއީ އެހާ ފަސޭހަކަމެއް ނޫންކަމެވެ.