English Edition
Dhivehi Edition
އުއްތަމަފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ޝަރުއީ ދާއިރާގެ މި އަހަރުގެ "ޤަޟާޢީ އަހަރު" ގެ އިފްތިތާޙީ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ.

ކޯޓްތަކަށް ހުށަހަޅައި ނުނިމި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ 13,000 އަށް ވުރެ ގިނަ މައްސަލަ އަވަހަށް ނިންމުމަށްޓަކައި ހާއްސަ ޓާސްކްފޯހެއް އެކުލަވާލަން ނިންމާފައިވާ ކަމަށް އުއްތަމަފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޝަރުއީ ދާއިރާގެ މިއަހަރުގެ “ޤަޟާޢީ އަހަރު” އިފްތިތާޙީ ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށެވެ. އެހެންކަމުން މި އަހަރު ޝަރުއީ ދާއިރާއިން ހާސިލު ކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމައި، މައްސަލަތަކުގެ ބެކްލޮގް ފިލުވާލުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އުއްތަމަފަނޑިޔާރު ހާމަކުރެއްވި ގޮތުގައި، މިވަގުތު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން ވަރަށް ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ އަދަދު 13,032 އަށް އަރައެވެ. މީގެ އިތުރުން، މި އަހަރުގެ ތެރޭގައި އަލަށް 21,000 މައްސަލަ ރަޖިސްޓްރީވާނެ ކަމަށް ލަފާކުރެވޭއިރު، އެ މައްސަލަތައް ވެސް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ރޭވުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.

މި މައްސަލަތައް އަވަސްކުރުމަށްޓަކައި އެކުލަވާލާ ޓާސްކްފޯސް މިއަދުގެ ވަގުތެއްގައި އުފައްދާނެ ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. މި ޓާސްކްފޯހުގެ މަސައްކަތްތައް ކުރިއަށްދާނީ ވަރަށް ހަރުދަނާ ނިޒާމެއްގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އެ ޓާސްކްފޯހުގެ ފަރާތުން މީގެ ތެރެއިން ކޮންމެ މައްސަލައެއް ނުނިމި އޮތް ސަބަބު ސީދާ އެ މައްސަލަ ހަވާލުކުރެވިފައިވާ މެޖިސްޓްރޭޓް، ގާޒީ ނުވަތަ ފަނޑިޔާރުގެ ގާތުގައި އަހައި، ނުނިމި އޮތް ސީދާ ސަބަބު ރަނގަޅަށް ސާފުކޮށް އެ މައްސަލަ ކުރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދޭނެ،” އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

މި މަސައްކަތުގެ ސަބަބުން ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރެއިން ބަންދުގައި ތިބި މީހުންގެ މައްސަލަތަކަށް ވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އުއްތަމަފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.