English Edition
Dhivehi Edition
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު
އީފާސްގެ ޚިދުމަތް ފުޅާކޮށް، 10 އަހަރުން ދަށުގެ ކުޑަކުދިންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އީފާސްގެ އާ ވާޝަން މިއަހަރުގެ މެދުތެރޭގައި ނެރުމަށް ތައްޔާރުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ، އީފާސްގެ ދެވަނަ ވާޝަން ނެރުމުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. މިހާރު ބޭނުންކުރަމުންދާ އީފާސް އެޕްލިކޭޝަނަކީ 10 އަހަރުން ދަށުގެ ކުދިންނަށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އެއްޗެއް ނޫނެވެ. ނަމަވެސް، އަލަށް ތައާރަފުކުރާ އަޕްޑޭޓާ އެކު، ބެލެނިވެރިން މެދުވެރިކޮށް ކުޑަކުދިންނަށް ވެސް އީފާސްގެ ހިދުމަތްތައް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ، މިހާރު ވެސް ދެ ލައްކައަށް ވުރެ ގިނަ މީހުން އީފާސް ބޭނުންކުރަމުން އަންނަ ކަމަށެވެ. އަދި އާ ފީޗާތަކާ އެކު މި އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އީފާސްގެ ހިދުމަތް ދޭން ފެށީ 2012 ވަނަ އަހަރު އެންސީއައިޓީންނެވެ. އޭގެ ފަހުން މި ނިޒާމަށް ބޮޑު ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ “މޯލްޑިވްސް 2.0” ތަސައްވުރުގެ ދަށުން، މުހިންމު ގާނޫނުތަކެއް ޑްރާފްޓްކޮށް މިހާރު ވަނީ ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ޑޭޓާ ޕްރޮޓެކްޝަން ގާނޫނާއި، ޑިޖިޓަލް އައިޑީ ގާނޫނުގެ އިތުރުން ސައިބާ ސެކިއުރިޓީ ގާނޫނު ހިމެނެ އެވެ.

މީގެ އިތުރުން ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން ނޭޝަނަލް ސޮވްރިން ކްލައުޑެއް ގާއިމްކުރުމާއި، ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. މި ބަދަލުތަކާ އެކު އާންމުންނަށް ލިބޭ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ އެވެ.

ޓެގު