English Edition
Dhivehi Edition
އެވިޑް ކޮލެޖް

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކޮށްފައިވާ އެކްރެޑިޓޭޝަނާ ހިލާފަށް އެވިޑު ކޮލެޖުން ލަންކާގައި ޕްރޮގްރާމުތަކެއް ހިންގާތީ، އެ ކޮލެޖަށް ނަސޭހަތްދީފިއެވެ.

އެ ކަން އެމްކިއުއޭގެ ސަމާލު ކަމަށް އައީ، އެވިޑު ކޮލެޖުން ހިންގުުމަށް ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމުތައް, އެމަޒޯން ކޮލެޖާއި އަލްޒެޓު ޔުނިވާސިޓީގައި ފުރިހަމަކޮށް، ގްރެޖުއޭޓުވެގެން ހޯދާފައިވާ އެވިޑު ކޮލެޖުގެ ސަނަދުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އެ އިދާރާއަށް ހުށަހެޅުމުންނެވެ.

އެމްކިއުއޭއިން ބުނީ، އެ އޮތޯރިޓީއިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމުތައް ރާއްޖޭން ބޭރުގައި ހިންގުމާ ބެހޭ ގަވައިދާ ހިލާފަށް ލަންކާގެ “އެމަޒޯން ކޮލެޖު” އާއި “އަލްޒެޓް ޔުނިވާސިޓީ”ގައި ޕްރޮގްރާމުތައް ހިންގައި، ދަރިވަރުންނަށް އެވިޑު ކޮލެޖުގެ ސަނަދު ދީފައިވާ ކަމަށެވެ.

ސްރީލަންކާގެ “ޗެސްޓާ ކޮލެޖް އޮފް ހަޔާ އެޑިޔުކޭޝަން” އާއި “އިމްޕީރިއަލް ވިސްޑަމް ގްރެޖުއޭޓް ކެމްޕަސް” އާއި “އިނޮވޭޓަސް ކެމްޕަސް” އާއި “ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީޒް”ގެ އިތުރުން “ބިޓްވިން ކެމްޕަސް”ގައި އެވިޑް ކޮލެޖުގެ ޕްރޮގްރާމްތައް ހިންގަން އިއުލާންކޮށްފައިވާކަން ފާހަގަކޮށް އެމްކިއުއޭއިން ބުނީ އެ އޮތޯރިޓީއަށް ލިބުނު މައުލޫމާތާއި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި އެ އޮތޯރިޓީން ބެލިބެލުމުން މިކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.

މި ތަންތަނަކީ ސްރީލަންކާގެ ޔޫޖީސީ، ޓިވެކް އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަންގައި މަތީ ތައުލީމު ދިނުމަށް ރަޖިސްޓަރީކޮށްފައިވާ ތަންތަން ނޫންކަން ފާހަގަކޮށް އެމްކިއުއޭއިން ބުނީ އޮގަސްޓު 29، 2024 އިން ފެށިގެން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް އެ އެކްރެޑިޓޭޝަން ދިން ގޮތާ ހިލާފަށް ނުހިންގުމަށް ތަކުރާރުކޮށް އެވިޑް ކޮލެޖަށް އަންގައި، ނަސޭހަތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް، މިއަދާ ހަމައަށް، އެ އޮތޯރިޓީގެ ހުއްދަ ހޯދުމަކާ ނުލައި މިކަން ކުރަމުން އަންނަކަން ފާހަގަކޮށް އެމްކިއުއޭއިން ބުނީ އެ ފަދަ ކަންކަމުގެ ނަތީޖާއަކަށް ވާނީ، ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ މަތީ ތައުލީމާ، ތަމްރީނު ފޯރުކޮށްދޭ މުއައްސަސާތަކާ މެދު ގާއިމުވެފައިވާ އިތުބާރާއި ޔަގީންކަމަށް އިއާދަނުކުރެވޭފަދަ ގެއްލުންތައް ލިބެމުން ދިޔުން ކަމަށެވެ.

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދުގެ ދަށުން، އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖަށް ނަސޭހަތްތެރިވާން އެމްކިއުއޭއިން ވަނީ ނިންމާފައެވެ.