English Edition
Dhivehi Edition
ފުލުހުން މީހަކު ޗެކު ކުރަނީ
ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުށްކުރާ ގުރޫޕުތައް އެއްވެ އުޅޭ ތަންތަން 24 ގަޑިއިރު ބަލަހައްޓައި މޮނިޓާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ފުލުހުން ބުނީ މިގޮތަށް ބަލަހައްޓަން ފެށުމުން، މާލެއާއި އަތޮޅުތެރޭގައި ގޭންގުތަކުގެ ހަރަކާތްތައް މިހާރު ވަރަށް ބޮޑަށް މަދުކުރެވިފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް އިސްހާގު އާދަމް ވިދާޅުވީ، ފުލުހުންގެ ހާއްސަ ޓީމުތަކުން ކުށްކުރާ މީހުން ޖަމާވާ “ހޮޓް ސްޕޮޓް” ތަކަށް ޒިޔާރަތްކުރަމުން ގެންދާ ކަމަށެވެ. ދުވާލާއި ރޭގަނޑުގެ އެކި ވަގުތުތަކުގައި މި ތަންތަނަށް ގޮސް، އެތަނުގައި ތިބޭ މީހުން ބަލައި ފާސްކޮށް، އެ މީހުން އެތަންތަނުން ފޮނުވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް، ގޭންގުތަކުގެ “ސޭފް ހައުސް” ތައް ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. ފުލުހުން ބުނީ މި ގާނޫނުގެ ދަށުން މަސައްކަތްތައް ރާވާފައިވަނީ ހަމައެކަނި ތަހުގީގު ކުރުމަށް ނޫން ކަމަށާއި، ކުށް ހުއްޓުވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނުވަތަ “ޕްރޮޖެކްޓިވް ޕްރިވެންޓިން” އަށް ވެސް ހާއްސަ އިސްކަމެއް ދީގެން ކަމަށެވެ.