މި އެހީ ދިނުމުގައި މީޑިއާތައް ވަޒަންކޮށްފައިވަނީ މީޑިއާ ހިންގަމުން އަންނަ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި ތައުލީމީ ފެންވަރުގެ އިތުރުން މުވައްޒަފުންގެ ތަޖުރިބާއަށް ބަލައިގެންނެވެ. ހަމައެއާއެކު މީޑިއާ ތަރައްގީކުރުމަށް ހުށަހަޅާ ބިޒްނަސް ޕްލޭނާއި އުފައްދާ ކޮންޓެންޓުގެ ބާވަތަށް ވެސް މާކްސް ދިނުމުގައި ރިއާޔަތްކޮށްފައިވެއެވެ. މިކަމާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު އަށް ޝަކުވާގެ ތެރެއިން ރިވިއު ކޮމިޓީން ބަލައިގެންފައިވަނީ ތިން ޝަކުވާއެއް ކަމަށް އެމްއެމްބީސީން މައުލޫމާތު ދެއެވެ.
ދައުލަތުގެ ބަޖެޓުގެ 0.1 ޕަސަންޓު މީޑިއާތަކަށް ހާއްސަކޮށްފައިވާއިރު، މި ފައިސާ ދޫކުރާނީ ޔޫތު މިނިސްޓްރީ މެދުވެރިކޮށް ފިނޭންސް މިނިސްޓްރީންނެވެ. އެމްއެމްބީސީން ހާމަކުރި ގޮތުގައި ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ވެސް ކަނޑައެޅިފައިވާ ފައިސާގެ ޖުމްލަ އަދަދު ދޫކުރާނީ އެއް ޕޭމަންޓެއްގެ ގޮތުގައެވެ.