English Edition
Dhivehi Edition

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕް ނައްތާލައިފިއެވެ.

ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 4 ޝީޝާޕަފް، 1 ވޭޕް، 442 ފްލެވާޑް ކާޓްރިޖް، 3 ނެނޯސްޓިކް އަދި 1 ކާޓޫނު ސިނގިރެޓުކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ހިލޭ ބެހުމާއި، އެ ތަކެތި ބޭނުންކުރުން މަނާކޮށްފައިވާއިރު، ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

ދުންފަތް ބޭނުންކުރަން އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ ޖޫރިމަނާ ކުރާނީ 20،000ރ. އިންނެވެ. ވިއްކި ކޮންމެ އެއްޗަކަށް 10،000ރ. ގެ ޖޫރިމަނާއެއްގެ އިތުރުން ހިލޭ ބަހައިފި ނަމަ 10،000ރ. ގެ ޖޫރިމަނާ ކުރާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެފަދަ އެއްޗެއް ވިއްކީ ކުޑަކުއްޖަކަށް ނަމަ އެ މީހެއްގެ ޖޫރިމަނާ 50،000ރ. އަށް ބޮޑުވާނެއެވެ.