ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އިޓަލީގެ ގައުމީ އެއާލައިން, އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޝަލް ޕެލަސް އިގްބާލް އާދަމްއެވެ.
މި ރަސްމިއްޔާތުގައި އައިޓީއޭ އެއާވޭސްގެ އައުޓްސްޓޭޝަން ކޯޑިނޭޓަރ, ޑެނިއެލް ޕިރާސް އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަަށް ވީއައިއޭ އިން ބުނެއެވެ.
ވީއައިއޭ އިން ބުނީ ޓާމިނަލް 1 އިން އައިޓީއޭ އެއާވޭސްއަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 60 ފަސިންޖަރުންނަށް ހަދިޔާ ދީފައި ކަމަށެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އައިޓީއޭ އެއާވޭސްގެ ފުރަތަމަ ފްލައިޓް, AZ776 އިން ރާއްޖެ އައި 290 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އައިޓީއޭ އެއާވޭސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިޓަލީގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2022 ގައެވެ.
އައިޓީއޭ އެއާވޭސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 35 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.