ރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު އުފެދިފައިވާ ގުޅުންތައް އިތުރަށް ވަރުގަވެފައިވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އިނގިރޭސި ވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ކިންގް ޗާލްސް (ތިންވަނަ) ގެ އުފަންދުވަސް ފާހަގަކުރުމަށް، މާލޭގައި ހުންނަ އިނގިރޭސި ވިލާތުގެ ހައިކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި އަހަރަކީ، އިނގިރޭސި ވިލާތާއި، ރާއްޖެއާ ދެމެދު، ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި އެގޮތުން ދެމެހެއްޓެނިވި ތަރައްގީ އާއި، ސަގާފަތް ދިރުވައި އާލާކުރުމުގެ ބިންގަލުގެ މަތީގައި، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުންތައް، ދާދި ފަހުން ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުން ތަކުގެ ތެރެއިން އިތުރަށް ވަރުގަދަ ވެފައިވާ ކަމަށެވެ.
މީގެ ތެރޭގައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅާއި، އެމަނިކުފާނު، ކިންގް ޗާލްސްއާއެކު ބޭއްވެވި އެކަހެރި ބައްދަލުވުމާއި، އަދި ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 27 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައި، ހިޒް މެޖަސްޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން، ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށް ދެ ޤައުމުންދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.
މީގެއިތުރުން 1965 ވަނަ އަހަރުގެ ޖުލައިމަހު، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުކަމުގެ އެގްރިމެންޓްގައި، ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބޭނުންކުރެއްވި ދެ ގޮނޑިކޮޅު، ދިވެހި ރާއްޖެއާ ޙަވާލުކުރެއްވުމަކީ، ވިސްނުންތެރިކަމާއެކު އެޅުއްވި ރަމްޒީ ފިޔަވަޅެއްކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވަނީ އިނގިރޭސި ވިލާތުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
ރައީސުލްޖުމުހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ދެޤައުމަށް ކުރިއެރުމާއި، އަމަން އަމާންކަމާއި، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން، ގުޅުން ބަދަހި ކުރުމަށް ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ