English Edition
Dhivehi Edition
މޯލްޑިވިއަންގެ ކެބިން ކުރޫއިން

ގައުމީ އެއާލައިންގެ ހިދުމަތާ ގުޅެން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ހުޅުވާލައި، މޯލްޑިވިއަންގެ ކެބިން ކްރޫއިން ހޯދުމަށް ވޯކްއިން އިންޓަވިއުއެއް ބާއްވަން އައިލެންޑް އޭވިއޭޝަނުން ނިންމައިފިއެވެ. ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މި އިންޓަވިއުތައް އޮންނާނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުންޏެވެ.
މި އިންޓަވިއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެސްޓީއޯ ސެންޓަރުގެ ހަތަރު ވަނަ ފަންގިފިލާގައެވެ. އިންޓަވިއު އޮންނާނީ އެ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު ފަހު 14:30 އަށެވެ. ކެބިން ކްރޫގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ، ސިއްހަތު ރަނގަޅު ބަޔަކަށް ވާންޖެހޭނެއެވެ. ތައުލީމީ ޝަރުތެއްގެ ގޮތުން ޖީސީއީ އޯލެވެލް ފެންވަރު ހުރުމާއެކު، އިނގިރޭސި އަދި ދިވެހި ބަހުން ފަރިތަކަމާއެކު ވާހަކަދައްކަން އެނގުމަކީ މަޖުބޫރު ކަމެކެވެ. މީގެ އިތުރުން ފިރިހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ހަތަރު އިންޗި، އަދި އަންހެނެއް ނަމަ ފަސް ފޫޓު ދެ އިންޗި ހުންނަން ޖެހެއެވެ.
މީގެ އިތުރުން ވެސް އައިލެންޑް އޭވިއޭޝަނުން ވަނީ އެ ކުންފުނީގެ އެހެނިހެން ބައެއް މަގާމުތަކަށް ވެސް މީހުން ހޯދަން އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ސޭފްޓީ އެންޑް ސެކިއުރިޓީގެ ދާއިރާއިންނާއި، ޓިކެޓިންގެ ދާއިރާގެ އިތުރުން އޮޕަރޭޝަންސް ދާއިރާގެ އިސް މަގާމުތައް ހިމެނެއެވެ. އެ ކުންފުނިން އަންނަނީ ދުވަސްވީ ބޯޓުތައް ބަދަލުކޮށް، އާ އޭޓީއާރު ބޯޓުތައް ގެނެސް ފްލީޓް ޒަމާނީ ކުރުމުގެ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރަމުންނެވެ.