މި އަހަރުގެ ލޮލުގެ ފެނުމުގެ ދުވަސް ނުވަތަ ވޯލްޑް ސައިޓް ޑޭ އާ ގުޅިގެން ބާއްވާ އެންމެ ކުލަ ގަދަ އިވެންޓް ބޭއްވުމަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޮލުގެ ފަރުވާދޭ އައިކެއާއިން ތައްޔާރު ވެއްޖެއެވެ.
މި ހަރަކާތްތައް އޮންނަނީ މި މަހު 31 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން 10:00 އަށް މާލޭ، ސޯޝަލް ސެންޓަރުގައެވެ.
އައިކެއާއިން ބުނީ، މި ހަރަކާތަކީ އާއިލާތަކާ އެކު ހިތްއުފާކޮށްލެވޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. އެ ދުވަހު ހަރަކާތުގެ ތެރެއިން ކޮންމެ މީހަކަށް ވެސް ހިލޭ ލޯ ޓެސްޓުކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި، ހަރަކާތުގައި ބައިވެރިވާ މީހުންނަށް ޚާއްސަ އޮފާތަކާއި ހަދިޔާތައް ދޭން ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރާވާފައިވާ ކަންކަމުގެ ތެރޭގައި، އައިކެއާއިން ބާއްވާ ދަރިވަރުންގެ އާޓް މުބާރާތުގެ ކުރެހުންތައް ދައްކާލުމާއި، އައިކެއާގެ ޑޮކްޓަރުންނާއި ބައްދަލުކޮށްލުމުގެ ފުރުސަތުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކާއި، ރޭގަނޑު ލައިވް މިއުޒިކް އަދި ކާނާގެ ބާވަތްތައް ލިބޭ ސްޓޯލްތައް ވެސް ހުންނާނެއެވެ.
މި ހަރަކާތުގެ ތެރެއިން ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސްއާ ގުޅިގެން ހަކުރު ބައްޔަށް މީހުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ބާއްވަން ވެސް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަކުރަން އައިކެއާއިން އަންނަނީ ކޮންމެ އަހަރަކު ވެސް ގިނަ ހަރަކާތްތަކެއް ބާއްވާ، އެކި އޮފާތަކާއި ހަދިޔާތައް ދެމުންނެވެ. މީގެ ކުރީ އަހަރުތަކުގައި ބޭއްވި މި ފަދަ ހަރަކާތްތަކުގައި އެތައް ހާސް މީހުންނެއް ބައިވެރިވިކަމަށް އައިކެއާއިން ވަނީ ބުނެފައެވެ. އެހެންކަމުން، މި އަހަރުގެ ވޯލްޑް ސައިޓް ޑޭއާ ގުޅިގެން ބާއްވާ ހަރަކާތްތަކުގައި ވެސް ވީހާވެސް ގިނަ މީހުން ބައިވެރިވާން އައިކެއާއިން ވަނީ ދައުވަތު އަރުވާފައެވެ.