English Edition
Dhivehi Edition

އައިކެއާ ހޮސްޕިޓަލުން ރާއްޖޭގައި ފުރަތަމަ ފަހަރަށް، ކޮމްބައިންޑް ބެލްޓް ބަކަލް އަދި ޕާސް ޕްލާނާ ވިޓްރެކްޓަމީ ކާމިޔާބުކަމާ އެކު ހަދައިފިއެވެ.

މި އޮޕަރޭޝަން ކޮށްފައިވަނީ އައިކެއަރ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ވިޓްރިއޯ-ރެޓިނަލް ސަރޖަން، ޑރ. އަމޯގް އަސްގަވޮންކަރ އަދި އޭނާގެ ޚާއްޞަ ޓީމުންނެވެ. އެ ހޮސްޕިޓަލުން މި ސާޖަރީ ހެދީ މިދިޔަ އާދިއްތަ ދުވަހު، އުމުރުން 51 އަހަރުގެ ޕޭޝަންޓެއްގެއެވެ.

އައިކެއާއިން ބުނީ އެ ސާޖަރީ ކުރީ ކައިރި ފެނުމުގައި މައްސަލަ ހުރި ޕޭޝަންޓެއްގެ ލޮލުގައި ދިމާވެފައިވާ ރެޓިނާ ޑިޓެޗްމަންޓްގެ ބޮޑު މައްސަލައެއް ހައްލުކުރުމަށް ކަމަށެވެ. އަދި އެ ހާލަތުގެ ނާޒުކު ކަމަށް ބަލާއިރު އޮޕަރޭޝަން ކުރުމަށް ހާއްސަ ސާޖިކަލް ފަރުވާތެރިކަމާއި، ހުނަރުވެރިކަން ބޭނުންވާ ކަމަށް އައިކެއާ އިން ބުނެއެވެ.

އައިކެއާއިން ބުނީ މިއީ މުޅި ރާއްޖޭގައި ވެސް އެ ބާވަތުގެ ބޮޑު ރެޓިނާ ސާޖަރީއެއް ކާމިޔާބުކަމާ އެކު ކުރި ފުރަތަމަ ފަހަރު ކަމަށް ވާތީ މިއީ އައިކެއާ ހޮސްޕިޓަލަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށެވެ. މިކަމުގެ ސަބަބުން ދިވެހިންނަށް މިހާރު ރާއްޖެއިން ބޭރަށް ދަތުރުނުކޮށް، ރާއްޖޭގައި ތިބެގެން ޒަމާނީ ރެޓިނާ ސާޖަރީތަކުގެ ފަރުވާ ލިބޭނެ ކަމަށްވެސް އައިކެއާއިން ބުންޏެވެ.