މޫނު ނިވާކޮށްގެން ތިބި ބަޔަކު މިއަދު ފަތިހު އެއާޕޯޓުން ފައިސާތަކެއް ފޭރިގެން މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށް، ފިލަން ބޭނުންކުރި ލޯންޗު ހޯދައިފިއެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވައްކަމުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ލޯންޗު ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި، ތުހުމަތުވާ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.
ތަހުގީގުގައި ހޯދި އަވަސް ކުރިއެރުންތަކަށް ތައުރީފުކުރައްވަމުން އިހުސާން ވަނީ ތަހުގީގުގައި ބައިވެރިވި ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ 2 މުވައްޒަފެއްގެ އަތުން ފައިސާ ފޭރިގަތް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ފަތިހު 4:45 އެހާކަންހާއިރުއެވެ.