English Edition
Dhivehi Edition

ބޮލީވުޑްގެ އާއިލާއަކަށް ނިސްބަތް ނުވާނަމަ އިންޑަސްޓްރީގައި ކާމިޔާބު ހޯދުމަކީ އުދަގޫ ކަމެއް ކަމުގައި ކްރިތީ ސަނޯން ބުނެފިއެވެ. ދިލްވާލޭގައި ޝާހުރުކް ޙާން އާއި ކާޖަލް އާއި އެކު ފެނިގެން ދިޔަ ކްރިތީ ބުނެފައިވަނީ ބޮލީވުޑްގައި ގިނަ ފުރުސަތު ތައް ލިބޭނީ ފިލްމީ އާއިލާތަކަށް ނިސްބަތްވާ މީހުންނަށް ކަމަށެވެ. އަދި ގިނަ ބެލުންތެރިންވެސް އެންމެ އަވަހަށް ބަލައިގަންނަނީ އެފަދަ ތަރިންކަމުގައެވެ. “ފިލްމީ އާއިލާއަކަށް ނިސްބަތް ނުވާނަމަ އިންޑަސްޓްރީގައި ނަން ހިފެހެއްޓުމަށް ވަރަށް މަސައްކަތް ކުރަންޖެހޭ. އެ އާއިލާތަކަށް ނިސްބަތްނުވާނަމަ މީހުންގެ މަގުބޫލުކަން ހޯދަން ވަރަށް ގިނަ ދުވަސް ނަގާ.” ކްރިތީ ބުންޏެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ މި ދާއިރާގައި މީހުންގެ މަގްބޫލުކަމާއި، ކާމިޔާބީ ހޯދުމަށް އޭނާއަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހުނު ކަމަށެވެ. ރާބްތާގެ ތަރި ބުނެފައިވަނީ އޭނާ ލިބޭ ކޮންމެ ފިލްމެއް ކުޅުމުގެ ބަދަލުގައި ބަލާފައިވަނީ ރަގަޅު ސްކްރިޕްޓްގެ މޮޅު ފިލްމުތައް ކުޅުމަށްކަމުގައެވެ. އެކަމަށްޓަކައި ދިގު އިންތިޒާރެއް ކުރަން ޖެހުނު ނަމަވެސް މިހާތަނަށް އޭނާ ކުޅެފައިވާ ހުރިހާ ފިލްމު ތަކަކީވެސް ކާމިޔާބު ފިލްމުތަކެއް ކަން އޭނާވަނީ ފާހަގަކޮށްފައެވެ. 26 އަހަރުގެ ކްރިތީގެ އިންސްޓަގްރާމް ފޮލޯވާސް ދެމިލިއަނަށް ވުރެ ގިނަ އިރު އޭނާ ބުނެފައިވަނީ މިހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ ވަފާތެރި ސަޕޯޓަރުން ކަމުގައެވެ. ކްރިތީ ބުނެފައިވަނީ ބަރްލީ ކީ ބަރްފީ އަށް ފަހު މި ވަގުތު ފިލްމީ ދާއިރާގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަމަށެވެ. އަދި މިހާރުވެސް އޭނާ އަތުގައި ބައިވަރު ސްކްރިޕްޓްސް އެބަހުރި ކަމަށާއި ކުޅޭނީ އެންމެ ހިތްހަމަޖެހޭ ކަހަލަ ފިލްމުތައްކަމަށެވެ.