English Edition
Dhivehi Edition

ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހައްޔަރު ކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވާ ކަން ސްރީ ލަންކާގެ މީޑިޔާތަކުން ވަނީ ކަށަވަރު ކޮށްފައެވެ. މިއީ، ސްރީ ލަންކާގެ ތާރީޚުގައި، ދައުލަތުގެ މަތީ ވެރިޔާގެ މަޤާމު ފުރުއްވާފައިވާ ބޭފުޅަކު ހައްޔަރު ކޮށްފައިވާ ފުރަތަމަ ފަހަރެވެ.

ރަނިލް ހައްޔަރުކުރީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީއެއްގައި އޮތް އޭނާގެ އަނބިކަނބަލުންގެ ގްރެޖުއޭޝަން ހަފްލާއަށް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކުރެއްވި ދަތުރަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް ހާޒިރުކުރުމަށް ފަހުގައެވެ. ވެރިކަމުގައި ހުންނެވި އިރު ލަންޑަނަށް ކުރެއްވި އެ ދަތުރަކީ އަމިއްލަ ދަތުރެއް ނަމަވެސް ދައުލަތުގެ ފައިސާ އެކަމަށް ބޭނުންކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ ދަތުރުފުޅަށް ވިކްރަމަސިންހަ ދައުލަތުގެ ފައިސާއިން 16.9 މިލިޔަން ސްރީ ލަންކަން ރުޕީސް، ނުވަތަ ގާތްގަނޑަކަށް 58,176 އެމެރިކާ ޑޮލަރު ޚަރަދު ކުރައްވާފައިވާ ކަމުގައި ވެސް އެ ރިޕޯޓުގައި ތުހުމަތު ކޮށްފައިވެއެވެ.

އެއީ، 2023ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވިކްރަމަސިންހަ ކުރައްވާފައިވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި އޭނާގެ އަރިހުގައި އިތުރު 10 ބޭފުޅަކު ވަޑައިގަންނަވާފައިވާ ކަމުގައި ވެސް ސީއައިޑީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. ވިކްރަމަސިންހަ ލަންޑަނަށް ވަޑައިގަންނަވާފައި ވަނީ ކިޔުބާއާއި އެމެރިކާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެއްގެ މެދުތެރެއިން ކަމުގައި ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މިއަދުގެ ވަގުތެއްގައި ސްރީ ލަންކާގެ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ވިކްރަމަސިންހަ ހާޒިރުކޮށް، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެންމެ ފަހުގެ ރިޕޯޓުތައް ބުނެއެވެ.