English Edition
Dhivehi Edition
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރމުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ފޮޓޯ އިސްލާމިކް މިނިސްޓްރީ

ކޮންމެ އަހަރަކު ވެސް ކިއުގެ ތަރުތީބުން ހައްޖަށް މީހުން ގެންދިއުމަކީ ހައްޖު ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތެއްކަމަށާއި ކިއުއަށް އެއްވެސް ބަދަލެއް ގެނައުމަކީ ކުރާ ކަމެއްނޫންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޕްރައިވެޓު ހައްޖު ކުންފުނިތަކުން ޒަމާނުއްސުރެ ދެމުން އައި ހައްޖު އަދި އުމްރާގެ ހިދުމަތްތަކަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. ސަރުކާރުން ވަކި އާއިލާތަކެއް ފޮނުވަން ކޯޓާ ނަގާ ވާހަކަ ދޮގުކޮށް، ޝަހީމް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި ދައުލަތުން ރިޒާވްކުރާ ކޯޓާ ތަކެއް ހުންނަކަމަށެވެ.

އެއީ ސަރުކާރުގެ މުއައްސަސާތަކުގެ ބޭނުމަށާއި، އުޒުރުވެރިންނާއި ހާއްސަ ހާލަތްތަށް ދިމާވާ ފަރާތްތަކުގެ ބޭނުމަށް ނުވަތަ ބަލި މީހުންގެ އެހީތެރިންނަށް ދޫކުރާ ކޯޓާތައް ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މި ކޯޓާތައް އެ ފަރާތްތަކާއި ހަވާލުކުރަނީ އޮންނަ ގަވައިދާ އުސޫލުތަކުން ކަމަށާއި ނުގަވައިދުން ހައްޖު ކޯޓާ ނުދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ހައްޖު ކޯޓާގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އަލަށް ކަނޑައަޅުއްވާފައިވާ އުސޫލުގެ ތަފްސީލުތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން އަލަށް ހައްޖަށް ދާ ފަރާތްތަކަށް އިސްކަން ދިނުމަށް ހިމެނިފައިވާނެކަމަށާއި ކޮންމެ 5 އަހަރަކުން ނޫނީ ތަކުރާރުކޮށް ކޯޓާ ނުދިނުމަށްވެސް އުސޫލުގައި ކަނޑައެޅިފައިވާނެކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި އުމުރުން 65 އަހަރުން މަތީ މީހުންނަށް ވަކި އިންސައްތައެއް ކޮންމެ އަހަރަކު ކަނޑައެޅުމަށް މި އުސޫލުގައި ހިމެނިފައިވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަން ވުޖޫދު ވެގެންއައީ ބައެއް ޖަމާއަތްތަކުން ރައްޔިތުން އަތުން ފައިސާ ނަގައިގެން ހައްޖަށް މީހުންގެންދިއުމުގައި ދިމާވި އިހުމާލުތަކަށް ފަރުވާ އެއް ހޯދުމުގެ މަގުސަދުގައިކަމަށެވެ.