ވައިބަރ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދެފިއެވެ.
ވައިބަރ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމުގެ ގޮތުން ވައިބަރގެ ވެރިފިކޭޝަން ކޯޑު އެއްވެސް ހާލެއްގައި އެހެން ފަރާތަކާ ހިއްސާނުކުރުމަށާއި ވައިބަރ ސެޓިންގްސްއިން “ޓޫ-ސްޓެޕް ވެރިފިކޭޝަން” އެކްޓިވޭޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި ވައިބަރއިން ކުއްލިއަކަށް ފައިސާ ނުވަތަ ޒާތީ މަޢުލޫމާތު ހިއްސާކުރުމަށް އެދިއްޖެނަމަ، ފޯނުން ގުޅައި ޔަގީންކުރުމުގެ އިތުރުން އެކައުންޓްގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން ފުލުހުން ވަނީ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ އިރުޝާދު ދެއްވާފައެވެ. އެގޮތުން
ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.
2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.
3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.
4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.
5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.
އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމުކަން ފާޙަގަކޮށް ފުލުހުން ބުނީ އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.