English Edition
Dhivehi Edition
އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމެއް އިއްވިކަމަށް ބުނާ “ސުންދަރަލިންގަމް ކޫޑަލިންގަމް” އަކީ ދިވެއްސެއްނޫންކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
ފިލްމީ ތަރިއަކަށް ލަންޑަނުގައި ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ޖަލަށް ލާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ އިނގިރޭސި ވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ ޑެއިލީ މެއިލް އިންނެވެ. އެ ނޫހުން ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަލަށް ލާން ހުކުމްކުރި ރާއްޖެއިން އެ ގައުމަށް ދިޔަ ސުންދަރަލިންގަމް ކޫޑަލިންގަމް، 36 އެވެ.
އެކަމާއި ގުޅިގެން އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައާއި ގުޅިގެން ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފައިވާ “ސުންދަރަލިންގަމް ކޫޑަލިންގަމް” ކިޔާ މީހައަކީ ދިވެހި ސަރުކާރުގެ ކަމާއި ގުޅުންހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވާ މީހެއް ނޫންކަމަށެވެ.

އިނގިރޭސި ވިލާތުގެ ކޯޓަކުން ހުކުމްކުރި މީހާގެ ނަމުގައި ދިވެހި ޕާސްޕޯޓެއް ދޫކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓްރީ އިން ވެސް ވަނީ ބުނެފައެވެ. ދިވެއްސަކު އިނގިރޭސި ވިލާތުގެ ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ދެއްކެވޭ ވާހަކަތައް ދޮގުކޮށް ހޯމް މިނިސްޓްރީން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލާގައި ހުކުމްކޮށްފައިވާ “ސުންދަރަލިންގަމް ކޫޑަލިންގަމް”އަކީ އެއްވެސް އިރަކު ރާއްޖޭގެ ރައްވެހިކަން އޮތް މީހެއް ނޫން ކަމަށެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ރެކޯޑުތަކުގައި އެ ނަން ކިޔާ ދިވެއްސަކު ރެކޯޑު ކޮށްފައި ނުވާ ކަމަށާއި އިމިގްރޭޝަންގެ ރެކޯޑުތަކުގައި ވެސް، އެއްވެސް އިރެއްގައި އެ ނަން ކިޔާ މީހަކަށް ދިވެހި ޕާސްޕޯޓެއް ހައްދާ ދީފައި ނުވަތަ ދޫކޮށްފައިވާ ކަން އެނގެން ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއީ ރާއްޖޭގެ ރިސޯޓެއްގައި މީގެ ކުރިން މަސައްކަތްކުރި އިންޑިއާ ރައްޔިތެކެވެ.

ނޫސްތަކުގައިވާ ގޮތުން، މި ހާދިސާ ހިނގާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗުމަހު ލަންޑަންގައި ހުންނަ މަސާޖު ޕާލާއެއްގައެވެ. މި މައްސަލާގައި އުމުރުން 36 އަހަރުގެ މި މީހާ ހަތަރު އަހަރަށް ޖަލަށް ލުމަށް ލަންޑަންގެ ކޯޓަކުން ހުކުމުވަނީ ކޮށްފައެވެ.