English Edition
Dhivehi Edition

އިސްރާއީލު އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދާނެ ކަމަށް އިސްރާއީލުން ނިންމުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ކުށްވެރިކުރައްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ ފުރިހަމަ ކޮންޓްރޯލް ނެގުމަށް އިޒްރޭލުގެ އިދާރާތަކުން ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވީ އިޒްރޭލުގެ އެ ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރަށް ހާލުގައި ޖެހި އަދި އެ ސަރަހައްދުގެ ހަމަޖެހުމާއި އަމާންކަން ވެސް އިތުރަށް ގެއްލޭނެ ކަމަށެވެ.

ރައީސް ގެ އިތުރުން ޚާރިޖީ ވުޒާރާއިން ވެސް ވަނީ އެކަން ކުށްވެރިކޮށް، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން މުޅި ޣައްޒާގެ ހިންގުން ފުރިހަމަ ބާރުގެ ދަށަށް ގެންދަން ނިންމަން އުޅޭކަމަށް އިސްރާޢީލުން ހާމަކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ މުޅިންހިލާފު ކަމެއްކަމަށް ވިދާޅުވެފައެވެ.

އެވުޒާރާއިން ވިދާޅުވީ އެއީ ފަލަސްތީނުގެ އަމިއްލަ ވެރިކަން ހިންގުމަށް އެޅޭ ހުރަހެއްކަމަށާއި ފަލަސްތީނުގެ ސިޔާދަތީ ބާރަށް އަރައިގަތުން ކަމުގައި ދިވެހި ސަރުކާރުން ދެކޭކަމަށެވެ.

ޚާރިޖީ ވުޒާރާއިން ވަނީ ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އިސްރާއީލުގެ މި ނިންމުން ތަންފީޒު ކުރަން ހުއްޓުވުމަށް އިސްރާއީލަށް މަޖުބޫރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައްވަވާފައެވެ.

އެ ވުޒާރާއިން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަމަށެވެ. އަދި މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެންކަމުގައި ދިވެހިރާއްޖެއިން ދެކޭކަމަށެވެ.