ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ދިވެހިރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސް ޑިސަނާޔަކެއަށް އިސްތިގުބާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެ މަނިކުފާނަށް ރަސްމީގޮތުން މަރުހަބާދެންނެވުމުގެ އިޙުތިފާލުތައް މިއަދު މެންދުރުފަހު ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި، ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. އަދި އެ މަޝްވަރާތަކާއި، ދަތުރުފުޅުގައި ނިންމެވި ނިންމެވުންތަކުގެ މައްޗަށް ބިނާކުރައްވައި، ރައީސް އާއި ރައީސް ޑިސަނާޔަކެ، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

ރައީސް ޑިސަނާޔަކެ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންގެންދަވާއިރު، މިއަހަރަކީ ދެ ގައުމުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ ތާރީހީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ. ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.