ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ)ގައި އޮންނަ ސަރުކާރުގެ ޙިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކައިލެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ރައީސް އޮފީހުން ރޭ ބުނީ، ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމީ، އެސްޑީއެފްސީގެ ޙިއްސާ ގަތުމުގެ ޝައުގުވެރިކަން ފައުޅުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން ކަމަށެވެ. އަދި މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއިން ހުށަހަޅުއްވާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.
އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން، އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ހުށަހަޅުއްވައިފައެވެ. އަދި ބިޒްނަސް ސްޓަރޓްއަޕްސްތަކަށް އަމާޒުކޮށްގެން ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އެސް.ޑީ.އެފް.ސީ ގަތުމަށްފަހު، އެސް.ޑީ.އެފް.ސީ ހިންގާނީ ޝަރީޢާގެ އުޞޫލުން މާލީ މުޢާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައެވެ. އަދި ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގގެ ނިޒާމުގެ ތެރެއިންނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ދަށުން ހިނގަމުންދާއިރުވެސް، އެސް.ޑީ.އެފް.ސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށެވެ. އަދި މާލީ މުޢާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާޙައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށެވެ.
އެސްޑީއެފްސީން މިދިޔަ ހަފުތާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނިޔަލަށް 1.7 ބިލިއަން ރުފިޔާ ލޯނު ދޫކޮށްފައިވާއިރު އޭގެ ތެރެއިން މިހާތަނަށް 36.29 ޕަސެންޓު ފައިސާ ނުލިބި އެބަހުރި ކަމަށެވެ.