English Edition
Dhivehi Edition

މާޅޮސްމަޑުލު ދެކުނުބުރި (ބ.އަތޮޅު) ފެހެންދުއާއި، ތިލަދުންމަތީ އުތުރުބުރި (ހއ. އަތޮޅު) މާރެންދޫގައި އިންޖީނުގެ އެޅުމަށް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ. ފެހެންދޫ އިންޖީނުގެ އެޅުމަށް ހަވާލުކުރީ ތުރީ ބްރަދާސް ޕްރައިވެޓް ލިމިޓެޑާއެވެ. މާރަންދޫ އިންޖީނުގެ އެޅުމަށް ހަވާލުކުރީ ލަތީފް ކޮންސްޓްރަކްޝަންއާއެވެ. އެ ދެރަށުގައި އިންޖީނުގެ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފެނަކަކޯޕަރޭޝަންގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުންތަކުގައި ފެނަކައިން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމެވެ. ފެހެންދޫ އިންޖީނުގެ އެޅުމަށް ތުރީބްރޮދާސް ކުންފުންޏާ ހަވާލުކޮށްފައިވަނީ ތިންމަސްތެރޭ ނިންމާ ގޮތަށެވެ. އެ މަސައްކަތަށް 1.9 މިލިއަން ރުފިޔާ ޚަރަދުވެއެވެ. އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ތިންމަސް ތެރޭގައި ފެހެންދޫ އިންޖީނުގެ ނިމުމުން އެ ރަށުގެ މީހުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުވެ އެތައް ގުނައެއް ފަސޭހަވާނެ ކަމަށެވެ. އެ ރަށުގައި މިހާރުހުރި އިންޖީނުގެއަކީ އެންމެ އަވަހަށް ތަރައްގީ ކުރަންޖެހޭ އިންޖީނުގެ ތަކުގެތެރެއިން އެއް އިންޖީނުގެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހއ. މާރަންދޫ އިންޖީނުގެ އެޅުމަށް 3.9 މިލިއަން ރުފިޔާ ޚަރަދުވެއެވެ. އެމަސައްކަތް 160 ދުވަސްތެރޭ ނިންމާނެއެވެ. އެރަށުގައި އިންޖީނުގެއެއް އަޅަނީ އެތަން ބައުވެގެންނެވެ. އެތަން މިހާރުހުރީ ސްކޫލްތަކާއި ގެތައް ހިމެނޭ ސަރަހައްދެއްގައެވެ. ފެނަކައިން ހިންގާ އިންޖީނުގެ ތަކުގެ ތެރެއިން 49 އިންޖީނުގެ އެހެން ސަރަހައްދުތަކަށް ބަދަލުކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެކުންފުނިން 140 އަށްވުރެ ގިނަ އިންޖީނުގެ ހިންގައެވެ.