English Edition
Dhivehi Edition

ގަތަރާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން މެނުވީ އެއްވެސް މަޝްވަރާއެއްގައިބައިވެރިނުވާނެ ކަމަށް އެގައުމުން ބުނެފިއެވެ. ގަތަރުގެ ޚާރިޖީ ވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބުދުއްރަޙްމާން އަލް-ޘާނީ، ހޯމަ ދުވަހު ވިދާޅުވެފައިވަނީ އެގައުމުންވެސް މައްސަލަ ހައްލު ކުރަން ބޭނުންވާކަމަށެވެ. ނަމަވެސް މަޝްވަރާ ތަކުގައި ބައިވެރި ވެވެން އޮތީ އެގައުމާ މެދު އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ކަމަށެވެ. ގަތަރުގެ ޚާރިޖީ ވަޒީރުގެ ވާހަކަފުޅު މިހެން އައިސްފައި މިވަނީ، ގަލްފުގެ ބައެއް ގައުމުތަކުން ގަތަރާމެދު އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަހަރު ތަކަކަށް ދެމިގެން ހިނގައިދާނެ ކަމަށް ޔޫއޭއީގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނިކޮށްނެވެ. ގަލްފް ސަރަހައްދުގެ ގިނަ ގައުމު ތަކުންވަނީ ގަތަރާއެކު ބާއްވަމުން އައިސްފައިވާ ޒަމާންވީ ސިޔާސީ ގުޅުން ކަނޑާލައިފައެވެ. އަދި އިގްތިޞާދީ ނުވަތަ ވިޔަފާރީގެ ގުޅުންވެސް ބައެއް ގައުމުތަކުންވަނީ ކަނޑައިލައިފައެވެ. އެގޮތުން އެގައުމަށް ކުރިން ކުރަމުންދިޔަ ދަތުރުތައްކުރުން ބައެއް ގައުމުތަކުން ވަނީ ހުއްޓައިލައިފައެވެ. ގަލްފް ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑައިޅި އެގައުމުން ޓެރަރިޒަމަށް ހިތްވަރުދިނުމާއި، ޚާއްސަކޮށް އީރާނާ މެދު ޚާއްސަ ގުޅުމެއް ބާއްވާ ކަމަށް ބުނެއެވެ. މި ހުރިހާ ތުހުމަތުތަކަށް ގަތަރުންވަނީ އިންކާރު ކޮށްފައެވެ. މި މައްސަލާގައި ސައުދީ ފަދަ ގައުމުތަކުން ގަތަރާ ގުޅުންކަނޑާލައިފައިވެއެވެ. އެހެންނަމަވެސް ތުރުކީވިލާތުން ގެންދަނީ ކަނޑައެޅުގެން ފާޅުގައި ގަތަރަށް ތާއިދުކޮށް އެގައުމަށް އެހީވަމުންނެވެ. ތުރުކީ ވިލާތުން ދާދިފަހުން ވަނީ ގަތަރުގައި އަސްކަރީ ފަރިތަކުރުންތަކެއްވެސް ބާއްވާފައެވެ. ގަލްފްގައުމުތަކުން ގެންދަނީ ގަތަރުން ރަނގަޅުކުރަންވީ ކަންކަން ހިމެނޭ ލިސްޓެއް ތައްޔާރު ކުރަމުންނެވެ. ވަރަށް އަވަހަށް އެ ލިސްޓް ހާމަކުރާނެ ކަމަށް އެ ގައުމުތަކުން ބުނެފައިވެއެވެ. ރާއްޖެއިން ވެސް ވަނީ ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފައެވެ.