English Edition
Dhivehi Edition

ވޭލްސްގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗަކަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ ފުޓް ބޯޅަ ލެޖެންޑް އަދި އެ ކުލަބްގެ ކޯޗިން ސްޓާފްގައި މަސައްކަތް ކުރި ރަޔަން ގިގްސް ހަމަޖައްސައިފިއެވެ.
ވޭލްސްގެ ގައުމީ ޓީމަށް 64 މެޗު ކުޅެދީ އެޓީމުގެ ކެޕްޓަންކަން ވެސް ކޮށްފައިވާ ގިގްސް ވަނީ މެންޗެސްޓަރ ޔުނައިޓެޑްގެ އެސިސްޓެންޓް ކޯޗުކަމުގެ އިތުރުން އެޓީމުގެ ކޯޗުކަމުގެ މަގާމުވެސް ވަގުތީ ގޮތުން އަދާކޮށްފައެވެ.
ވޭލްސްގެ ކޯޗުކަމުގެ މަގާމު ގިގްސް އާއި ހަވާލު ކޮށްފައި މިވަނީ މީގެކުރިން ވޭލްސްގެ ކޯޗުގެ މަގާމުގައި ކުރި ކްރިސް ކޯލްމަން ވޯލްޑް ކަޕް ކޮލިފައިންގައި ނެރެދީފައިވާ ދަށް ނަތީޖާ ތަކުގެ ސަބަބުން އެ މަގާމުން އެނާ ދުރުކޮށްފައި ވާތީއެވެ.
ވޭލްސް އަށް މިއަހަރު ރަޝިޔާގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ޖާގަ ނުލިބުނުއިރު އެޓީމުން ވަނީ މިދިޔަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކާ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާފައެވެ.
މުޅި ފުޓްބޯޅަ ކެރިއަރު އިނގިރޭސި ވިލާތުގެ މެންޗެސްޓާރ ޔުނައިޓެޑުގައި ހޭދަކޮށްފައިވާ ގިގްސް އާއި އެ ގައުމުގެ ކޯޗުކަމާއި ހަވާލު ކުރުމަށް ފަހު ވޭލްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައި ވަނީ ގިގްސްގެ އެންމެ ބޮޑު މަސައްކަތަކަށް ވާނީ 2020ގައި އޮންނަ ޔޫރޯ އަށް ވޭލްސް ކޮލިފައި ކޮށްދިނުން ކަމަށެވެ.
ވޭލްސްގެ ކޯޗުގެ މަގާމާއި ހަވާލުވުމަށް ފަހު ގިގްސް މީޑިޔާ އާއި ވާހަކަ ދައްކަމުން ބުނީ”އަމިއްލަ ގައުމުގެ ކޯޗުގެ މަގާމާއި ހަވާލު ވުމުން ކުރެވެނީ ވަރަށް އެހެން ކަހަލަ އިހުސާސް އެއް ކަމަށާއި މިއަހަރު ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުގެ ޖާގައެއް ވޭލްސް އަށް ލިބިފައި ނުވިނަމަވެސް އެނާ އާއި ހަވާލުވެފައިވާ އެންމެ ބޮޑު ވަޒީފާ 2020ގައި އޮންނަ ޔޫރޯ ފުޓް ބޯޅަ މުބާރާތުގެ ކޮލިފައިންގައި ޓީމް ރަނގަޅު ނަތީޖާތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.