ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީކުރާ ހަ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެއްގެ ގޮތުގައި، އިންޓްގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރި އައްޑޫ ސިޓީ ހަންކެޑެ ކަނޑައަޅައިފިއެވެ.
މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ހަލާލު ޓޫރިޒަމްގެ ރަށަކަށް ހަދަން ސަރުކާރުން ހުޅުވާލިއިރު މި ތަނަކީ ނުހެދި ދިގުލައިގެން ގޮސްފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ތަނެކެވެ.
ހަންކެޑެ ތަރައްގީކުރަން އެންމެ ފުރަތަމަ ސަރުކާރުން ހުޅުވާލީ، މީގެ 20 އަހަރު ކުރިން، 2005 ގަ އެވެ. އޭގެ ފަހުން އެކި ސަރުކާރުތަކުން މި މަޝްރޫއު ހިންގަން އިއުލާންކޮށް، މިހާތަނަށް އޮތީ ކުރިއަށް ނުގެންދެވިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، ހަންކެޑެއިގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އަދި މި ނިންމެވުމާ ގުޅިގެން އެ މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، އައްޑޫ ސިޓީގެ ހަންކެޑެ “ހަލާލް ޓޫރިޒަމް”ގެ ގޮތުގައި ތަރައްގީ ކުރުމުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ ޑައިވާސިފައި ކުރަން އިތުރަށް މަގުފަހިވާނެ ކަމަށެވެ.
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީ ކުރުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީއާއެވެ.
އޭގެފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހަންކެޑެ ތަރައްގީ ކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކުރި އެވެ.
ހަންކެޑެ ތަރައްގީކުރުން ލަސްވާކަމުގެ ކަންބޮޑުވުމާއެކު މިކަމާ ގުޅިގެން، އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން ވަނީ މި މަޝްރޫއު ލަސްވާ ސަަބަބު އޮޅުންފިލުވުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ.
ނަމަވެސް އެ ރަސްމިއްޔާތު ބޭއްވިތާ އަހަރެއްހާ ދުވަސް ފާއިތުވެ ދިޔައިރު ހަންކެޑެ ސަރަހައްދުގައި ހުރި ބައެއް ރުއްގަސްތައް ނެގުން ފިޔަވާ މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށް އަޒާންގެ ސިޓީގައި ވެއެވެ.
ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށެނީ އެ މަޝްރޫއުއަށް ބޭނުންވާ ފައިނޭންސިން ހަމަނުޖެހޭތީކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެކަމަކު އެކަން ރަސްމީކޮށް އެމްއެފްއެމްސީ އިން ހާމައެއް ނުކުރެ އެވެ.