މިއީ އެމްޑީޕީގެ ސަފުތައް ވަރުގަދަކޮށް، އަލުން ރުކުރުވާލަންވީ ވަގުތު ކަމަށާއި އެމްޑީޕީ އެއަލުން އެކަތިގަނޑަކަށް ވެގެން މި އަތުގުޅާލަނީ ރައީސް މުއިއްޒުގެ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓްސް (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާއި ގުޅިވަޑައިގަތުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މާޒީއަކީ ބަދަލުކުރެވޭނޭ އެއްޗެއް ނޫން ކަމަށާއި ކުރިއަށް ދެވޭނީ ހަމަ އެކަނި މުސްތަގުބަލަށް އުންމީދު ކޮށްގެން ކަމަށެވެ. އަދި އެމްޑީޕީ މި ނުކުންނަނީ ކުރިއަށް ވުރެވެސް މާގަދަކޮށް އެކަތިގަނޑަކަށް ވެެގެން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމަށް އައީ ރައްޔިތުންނަށް އޮޅުވާލައިގެންނެވެ. އެ ގޮތުން އާސަންދައާއި ބޯހިޔާވަހިކަމުގައި ވެސް، އަދި ޒުވާނުންނަށް ވެސް މި ސަރުކާރުން އޮޅުވައިލީ ކަމަށް އޭނާ ވިދާޅުވިއެވެ. ވެރިކަމަށް އައިސް މި ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި ފަށާފައިވާ މަޝްރޫއުތައް ވެސް ހުއްޓައިލީ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ދައުލަތުގެ ދަރަނިތައް ފިލުވަމުންދާއިރު ވެސް ބަޖެޓުގައި ބާކީ ފައިސާ ހުރި ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ދޮގެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން މިއީ ސްކޭމް ސަރުކާރެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
” މިއަދު ރާއްޖޭގެ ހާލަތު މިއޮތީ ލޯމަރާލައިގެން ކަންފަތަށް އަޑު ނީވޭގޮތަށް ބީރުކަންފަތް ދީގެން ތިބެވެން އޮތް މަންޒަރެއް ނޫން . ކުރިމަތީގައި ފެންނަ މިއޮތީ ބޮޑު ސްކޭމް ސަރުކާރެއް ” ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު މި އޮތް ސަރުކާރުން ފަސް ބިލިއަން ރުފިޔާގެ ލޯނު ދައްކާފައިވާ ކަމަށް މީގެ އެއްދުވަސް ކުރިން އިއުލާނު ކޮށްފައިވާ ކަމަށާއި އަދި 1.3 ބިލިއަން ރުފިޔާ ސާޕްލަސްގެ ގޮތުގައި އަދި ވެސް ޖީބުގައި އެބަހުރި ކަމަށް ބުނަމުން ގެންދާ ކަމަށެވެ.
އެހެން ނަމަވެސް އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދައްކަން ޖެހޭ ލާރިތައް އަދިވެސް ދައްކާފައި ނުވާ ކަމަށާއި އެ ފައިސާތައް ނުދައްކާހާ ހިނދަކު އެ ބުނާ 1.3 ބިލިއަން ރުފިޔާ ސާޕްލަސްގެ ގޮތުގައި ޖީބުގައި ހުންނާނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދި ސަރުކާރުން ރައްޔިތުންނަށް ދަރާފައި އޮތް ފައިސާތަކާއި އާއި އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހިފައި ހުރި ފައިސާތައް ނުދައްކާ ކަމުގައިވާ ނަމަ މި ސަރުކާރު ވެގެންދާނީ ސީދާ ސްކޭމް ސަރުކާރަކަށް ކަމަށް ވެސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ފޯކަސް ބަހައްޓައިގެން އެމްޑީޕީން މި ސަރުކާރު ބަލިކުރަން ޖެހެއެވެ.