English Edition
Dhivehi Edition

މިގައުމު ހެޔޮމަގަށް އެޅުވުމަށް “މިތިބީ އެކުގައި ގަދަކޮށް” ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި އެމްޑީޕީއަށް ގުޅިވަޑައިގަންނަވަން ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ ނަޝީދާއި ޕާޓިގެ ވަރުގަދަ ފަހުލަވާނުންތަކެއް ދުވަސްކޮޅަކު ދުރުގައި ތިބުމަށްފަހު އަނެއްކާވެސް ޕާޓިއާއި ގުޅިވަޑައިގެންނެވުމަކީ މި ގައުމު ހެޔޮމަގަށް އެޅުއްވުމަށް ލިބޭ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

“މިރޭ އަލަށް ގުޅިވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށްވެސް ފައްފަށުން މަރުހަބާ ދަންނަވަން. ފަހަތަށް ބަލަން ތިބެވޭކަށް ނެތް. ފަހަތަށް ބަލަންތިއްބާ މިފެންނަނީ މިގައުމު ގެއްލިގެން ދާތަން ” ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އުމުރުގެ ބޮޑު ތަނުގައި މިންނެތް މަސައްކަތް ކޮށްގެން ހޯދި ހައްގުތައް ނިގުޅައިގަނެގެން ދާތަން ލޯކުރިމަތިން ދަނީ ފެންނަމުން ކަމަށެވެ.

“އިގްތިސޯދު އެއްކޮށް ފުނޑުފުނޑުވެއްޖެ . ވެރިކަމާއި ދެން ހަވާލުވާ ބަޔަކަށްވެސް އަލުން އިޔާދަ ނުކުރެވޭނެ ވަރަށް އިގްތިސޯދުވަނީ ހަލާކުވެފައި. އެއްވެސް އިރެއްގައި ދިވެހި ރާއްޖޭގެ އިގްތިސޯދަކީ ފަސޭހަ އިގްތިސޯދެއް ނޫން. އެހެނަސް މިއަދު މި ހާލަތަށް ވެއްޓިފައި މިވަނީ ސަރުކާރު ހިންގަން ތިބި މީހުންނަށް ތަންދޮރު ނޭގިގެން ” ފައްޔާޒު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރެވޭނީ އަދިވެސް އެމްޑީޕި އަށް ކަމަށާއި މި ގައުމަށް މިވަރުގެ ބޮޑު ބަދަލެއް ގެނެވުނީ ހަމަ އެމްޑީޕީން ކުރި މަސައްކަތުން ކަމަށާއި އަދިވެސް މިގައުމު މިއޮތް ހާލަތު ބަދަލުކުރެވޭނީ ހަމަ އެމްޑިޕީއަށް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.