ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި، ހައްޔަރުކުރި ބިދޭސީ މީހާ ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅުގެން ކާގޯ ކްލިއާ ކުރަން ދިޔަ ބަންގްލަދޭޝަށް ނިސްބަތްވާ 35 އަހަރުގެ ބިދޭސީއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެހެންނަމަވެސް ފަހުން އެމީހާ ދޫކޮށްލާފައިވާއިރު ފުލުހުން ބުނީ ތަހުގީގުން ހާމަވިގޮތުގައި މުދާ ކްލިއާ ކުރަން ދިޔަ ފަރާތާއި މަސްތުވާތަކެތި އެތެރެ ކުރި މީހުންނާއި ގުޅުމެއް ނެތްކަމަށެވެ.
މިތަކެތި ރާއްޖެ ގެނެސްފައިވަނީ ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓެއްގައެވެ. މި ތަކެތި އަތުލައިގެންފައިވަނީ ގަސް ޕޮޓުތަކެއްގައި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުމުގެ ތެރޭގައެވެ. ކަސްޓަމްސްއިން ބުނީ 33 ޕެކެޓެގައިހުރި މިތަކެތި ފުރަތަމަ މަރުހަލާގެ ތަހުގީގުން މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިނޮއިޑް އޮއިލްއަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.