English Edition
Dhivehi Edition
ފޮޓޯ: ހައްޖުކޯޕަރޭޝަން

ޙައްޖުގެ އަޅުކަމުގެ ތެރެއިން ދަސްކުރަންވީ، ނަފްސު އިސްލާހުކޮށް ދިރިއުޅުމުގެ ކަންކަމާއެކު އަޅުކަމުގައި ކުރިއަށް ދެވޭ ބަޔަކަށް ވުމަށް ދިވެހި ޙައްޖުވެރިންނަށް ޚާއްސަކޮށް އަރަފާތުގައި ދިން ޚުތުބާގައި ގޮވާލައްވައިފިއެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ މީހުންނާއެކު އިސް ޝައިޚެއްގެ ގޮތުގައި ވަޑައިގެންނެވި ފަޟީލަތުއްޝައިޚު މުޠީޢު އިސްމާޢީލް އަރާފާތުވަނީ ދިވެހި ބަހުން ހުޠުބާއެއް ދެއްވަވާފައެވެ.

މި ޚުޠުބާގައި ޙައްޖުގެ މަތިވެރި އަޅުކަމުގެ މުހިންމު ކަމުގެ މަައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެތައް ބިލިއަން މުސްލިމުންގެ ތެރެއިން މިއަހަރު ލިބިގެން ދިއުމަކީ މާތް ﷲ އެކަލާނގެ ލޯބިވެވޮޑިގެންވާ އަޅުތަކުންނަށް ދެއްވާ ނަސީބެއްކަން ޙުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ. މިއާއެކު އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ އަޅުކަން ކުރުމުގެ މަޤްޞަދުގައިކަން ހުޠުބާގައި ހަނދުމަކޮށްދެއްވާފައި ވެއެވެ.

މީގެ އިތުރުން ޙައްޖަތުލް ވަދާޢުގައި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް، ދެއްވި މުހިންމު އިރުޝާދުތައް ވަނީ ޚުތުބާގައި ހަނދުމަކޮށްދެއްވާފައެވެ. މިގޮތުން މީސްތަކުންގެ ފުރާނައާއި މުދަލައް ހުރުމަތްތެރިކޮށް ހިތުމަށާއި، އަބުރަށް އަރައިގަތުމުގެ ނުބައިކަން ޚުޠުބާގައި ކިޔައިދެއްވާފައި ވެއެވެ. މީގެ އިތުރުން ފިރިންނާއި އަނބިންގެ މައްޗަށް ޒިންމާތަކެއްވާކަން ފާހަގަކޮށް އެ ޒިންމާތަކަށް ފަރުވާކުޑަކުރާ ފަރާތްތައް މާތްﷲ ދަރުބާރުގައި ޖަވާބުދާރީވާންޖެހޭނެ ކަމުގައި ބަޔާންކޮށްދެއްވިއެވެ. އަދި މިނޫންވެސް މުހިންމު ކަންކަމުގެ މައްޗަށް ދިވެހި ޙުޠުބާގައި ވަނީ އަލިއަޅުއްވާފައެވެ.

ޙައްޖުގެ ހުޠުބާގައި އިޙްލާސްތެރިކަމާއެކު އަޅުކަން ކުރުމަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކޮންމެ އަޅުކަމެއްވެސް ކުރަންވާނީ މާތް ﷲ ބައްލަވައި ވޮޑިގެންވާކަން ދަނެގެންކަން ޙުޠުބާގައި ވިދާޅުވިއެވެ. އެހެން ކަމުގައި ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ފިޠުރަތުގެ ސާފު ކަންމަތީ އެނބުރިދާ މީހާ އަޅުކަން ކުރުމުގައި އިޙްލާސްތެރިވެ ރަސޫލާ އެންގެވި ގޮތަށް ދީނުގެ ކަންކަން ބައްޓަން ކުރުމުގައި މަސައްކަތް ކުރުމަށް ހުޠުބާގައި އިރުޝާދު ދެއްވިއެވެ.

ޙައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ރާއްޖެއިން މައްކާއަށް ދާ ހައްޖާޖީންނަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ދިވެހި ބަހުން ހައްޖު ހުޠުބާއެއް ދެއްވައެވެ.