ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރާ މުޢާމަލާތްކޮށްފައި ނުވާނެ ކަމަށް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ އެކު ގުޅޭ ގޮތުން ރައީސް ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއާމަލާތް ކުރެއްވި ކަމަށް ފެތުރެމުންދާ ޚަބަރަކާއި ގުޅިގެން ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް މުޢުތަސިމް އަދުނާނާ މުއާމަލާތް ކޮށްފައިވާ ކަމަށް މީޑިއާއަކުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ޙަގީގަތާ ޚިލާފު ޚަބަރެއް ކަމަށެވެ.
” އެ ޚަބަރުގައި ހުރި ހުރިހާ ވާހަކައަކީވެސް “އަލިފުން ޔާޔަށް ކަނޑައެޅިގެން ދޮގު” ވާހަކަތަކެއް. އުއްތަމަ ފަނޑިޔާރަކީ އެމަނިކުފާނުގެ ނަޒާހަތްތެރިކަމާމެދު ދުވަހަކުވެސް ސުވާލު އުފެދިފައިވާ ބޭފުޅެއް ނޫން . އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަގާމުގެ މަސްއޫލިއްޔަތުތައް އުފުއްލަވާނެ ބޭފުޅެއްކަމާމެދު ކުޑަވެސް ޝައްކެއް ނެތް” ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ނޫހަކުން ތުހުމަތު ކޮށްފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތައް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުން އެ މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓަރ ރައުފާ ހައިދަރު ނިންމަވައި، އެ ވާހަކަ އުއްތަމަ ފަނޑިޔާރަށް ދެންނެވުމުން، އެމަނިކުފާނު ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި އެވާހަކަ ދެންނެވި ކަމަށެވެ. އެއާއެކު އެ މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ރައީސް ނަޝީދު އުއްތަމަ ފަނޑިޔާރަށް ދެންނެވި ކަމަށް ޖޭއެސްސީއަށް ހުށަހަޅާފައިވާ މައްސަލައެއްގައިވާ ކަމަށްވެސް އެ ނޫހުން ވަނީ ބުނެފައެވެ.