ގދ. ގައްދޫން ފުރައިގެން މާލެ ދަތުރު ކުރަމުން ދިޔަ “ކަށި ވާލި” (ބްރިލިއަންޓް ކެރިއާ) ފެނިފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ، ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް އެ ދޯނީގެ ހަބަރެއް ނުވެގެން ވެރިފަރާތުން ރިޕޯޓު ކުރުމުން، ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ދޯނި ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން އެ ދޯނި ހޯދާފައި ވަނީ މިއަދު ފަތިހު 04:00 ހާއިރު، ގއ. ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވައެވެ. އެ ދޯނި ފެނުނު އިރު ދޯނީގެ އިންޖީނު ހުއްޓިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ދޯނީގެ ވެރިފަރާތާ ގުޅިގެން މިހާރު އެ ދޯނި، ކައިރި ރަށެއްގެ ބަނދަރަކަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.