English Edition
Dhivehi Edition

މާލޭގެ އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު ކަމަށް ބުނާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ހުށަހަޅައިފި އެވެ.

މި މައްސަލާގައި މަޖިލިސް އިންކުއަރީއެއް ހެދުމަށް 241 ކޮމިޓީއަށް ހުށަހެޅެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނެވެ.

މިދިޔަ ހުކުރުދުވަހުގެ ހެނދުނު ހެންވޭރު ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާގެ ހާދިސާގައި ފުލުހުން އަމަލުކުރީ އާންމު އުސޫލުން ބޭރުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ޒުވާނާއާ އެކު އެންމެ ފަހުން އުޅުނު ފިރިހެންމީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވިއަސް، އޭނާ ރާއްޖެ އިން ފުރުން މަނާކުރުން ފިޔަވައި އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމާއި އެ މައްސަލައިގައި ދެން ތިބި މީހުން މަސްތުވާތަކެއްޗަށް ޓެސްޓު ނުކުރުމާއި އަދި އެ މީހުންގެ ވަނަވަރު ހާމަނުކުރުން ހިމެނެ އެވެ.

މި މައްސަލައާއި ބެހޭގޮތުން ޒުވާނުން ރޭ މުޒާހަރާ ކޮށްފައިވާއިރު މިއަދު ފުލުހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށް އެ މީހުން ފުރުން މަނާކޮށްފައިވާ ކަމަށް ބުނެފައެވެ،

އަންހެންކުއްޖާގެ މައްސަލައިގައި އިންކުއަރީ ހެދުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީގައި ވަނީ މި މައްސަލާގައި ފުލުހުން އަމަލު ކޮށްފައިވަނީ މިފަދަ އެހެން މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުންދާ ގޮތާ ހިލާފަށް ކަން ފާހަގަކޮށް ގިނަ ބައެއްގެ ކަންބޮޑުވުން އެކަމުގައި އޮތް ކަމަށެވެ. އަދި ޒުވާނުންގެ ކަންބޮޑުވުން އޮތް މިފަދަ މައްސަލައެއްގައި ފުލުހުން އަމަލުކޮށްފައިވަނީ އެއްވެސް ނުފޫޒެއް ނެތި ޒިންމާދާރުކަމާއެކުގައި ކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން މި މައްސަލާގެ ރިޕޯޓު ފުލުހުންނަށް ލިބުނު ހިސާބުން ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީ ރިޕޯޓެއް ހަދަން މެމްބަރު އަޒާން ވަނީ އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ މި މައްސަލާގައި ފުލުހުން ވަނަވަރު އާންމުކުރުމުގައި ތަފާތު ކުރުންތަކެއް ގެންގުޅޭތީ އާއި ކުށުގެ ވެއްޓާ ގުޅޭ ބައެއް ގޭގޭގެ ނަން ސިއްރު ކޮށްފައިވާތީ، އެ ކަމުގައި ސުވާލުކުރުމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ހާޒިރުކުރުމަށް ވެސް މަޖިލީހަށް ހުށަހަޅާފައެވެ.

މީކާއިލް ވަނީ މި މައްސަލާގައި ވެއްޓިފައި އޮތް އަންހެން ކުއްޖާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވުނުނަމަވެސް، އާންމުކޮށް އަމަލުކުރަމުން އަންނަ ގޮތާ ހިލާފަށް އެ މައްސަލާގައި ފޮރެންސިކް ތަހުލީލު ކޮށްފައި ނުވާތީ، ކަމަށް ވިދާޅުވެ ސޯޝަލް އެންޑް ފެމިލީ ޑިވޮލޮމްޕެންޓް މިނިސްޓަރު އައިޝަތު ޝިހާމް ހާޒިރުކުރުމަށް ވެސް ހުށަހަޅާއިފަ އެވެ.

އެ މައްސަލައިގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ. އެ އެންމެންގެ ވަނަވަރު ވެސް ވަނީ އާންމުކޮށްފައެވެ. ހާދިސާ ހިނގި ގޭގައި ޔުމްނުއާއި ރައުދު ހަރަކާތްތެރިވާ ސީސީޓީވީ ވީޑިއޯ ފުޓޭޖް ވެސް ފުލުހުން ވަނީ ލައިވް ޓީވީގައި އާންމުކޮށްފައެވެ. އެއީ، އާންމުކޮށް ފުލުހުން ކޮށް އުޅޭ ކަމެއް ނޫނެވެ.

ޝުޖާއު ވިދާޅުވީ، އެ ފަދައިން އަމަލުކުރަނީ ގިނަ ބަޔަކު ހާދިސާއާ ގުޅޭ ގޮތުން ސުވާލު އުފައްދާތީ ކަމަށެވެ.