English Edition
Dhivehi Edition

ދެމީހެއްގެ ދޭތެރޭގައި އުފެދޭ ގުޅުމަކީ ދެމިގެންދާ އާއިލީ ބަދަހި ގުޅުމަކަށް ވެދާނެއެވެ. ނަމަވެސް އެގުޅުމެއްގައި އުޅޭ ކޮންމެ މީހަކީ އެމީހެއްގެ އަމިއްލަ ވަންތަކަމެއް އޮންނާނެ މީހެކެވެ. އެއްވެސް ބިރެއްނެތި އެމީހެއްގެ އަމިއްލަ ވަގުތު ނަގައިގެން، ބޭނުންކަމެއް ކުރުމަކީ އަނެކާގެ އިޙްސާސްތަކާއި ކުޅެލެވިދާނެކަމެކެވެ. ކޮންމެ ގުޅުމެއްގައިވެސް އެކަކު އަނެކަކު ރަނގަޅަށް އެނގެންޖެހެއެވެ. ކޮންމެ މީހަކީވެސް އެމީހެއްގެ ކިބައިގައި ގިނަ ކަންތައްތަކެއް ހުންނާނެ މީހެކެވެ. އެކި މީހުންގެ އިޙްސާސްތަކާއި ވިސްނުން ތަފާތުވާނެއެވެ. އަދި އެކަކު އަނެކަކު ދެކެ ލޯބި ވުމަކީވެސް ވެދާނެކަމެކެވެ. ކުރުކޮށް ބުނަނީނަމަ ދެމީހެއްގެ ދޭތެރޭގައި ގުޅުމެއް އުފެދިއްޖެނަމަ، ދެމީހުން އެކަކު އަނެކަކާއިމެދު ދެކޭގޮތް ތަފާތުވާނެއެވެ. ބައެއް ގުޅުންތަކަކީ އޭގައި އޮޅުވާލުމާއި، ނޭނގޭކަންތައްތަކެއް ހުންނަ ގުޅުންތަކެވެ. އެގޮތުން ބައެއްފަހަރު ދެމީހެއްގެ ދޭތެރޭގައި ގާތްގުޅުމެއް އުފެދި، އެކަން އާއިލާއާއި ރައްޓެހިންގެ މެދުގައި އިއުލާން ކުރެވިގެން ދިޔުމަށްފަހުވެސް ކެނޑިގެން ދެއެވެ. އެގުޅުމުގައި އެދެމީހުން އުޅޭ ގޮތުން އެއީ ބައެއްފަހަރު ދެމަފިރިންނޭ ބުނަން ޖެހޭ ހިސާބަށްވެސް ދާފަހުންނެވެ. މިގޮތަށްދާ ގުޅުންތަކަކީ ހަޤީގީ ގުޅުންތަކެކޭ ބުނެވޭކަށް ނެތެވެ. ބައިވެރިއާއި އެކުގައި ހޭދަކުރާ ވަގުތުތަކުގައި އާއްމުކޮށް ކަންކަމުގައި ދެބަސްވެ އެކަން ތަކުރާރުވާނަމަ އެގުޅުމަކީ ހަރުދަނާ ގުޅުމެކޭ ބުނެވޭކަށް ނޯވެއެވެ. އަދި ކުރީގެ ގުޅުންތަކުގައި ބައިވެރިޔާގެ ފަރާތުން ފެނުނުފަދަ ކަންކަން މިހާރުގެ ބައިވެރިޔާގެ ފަރާތުން ފެނުމަކީވެސް ގުޅުން ހީނަރުވެދާނެކަމުގެ އަލާމާތްތަކެވެ. އަދި އެގޮތަށް ވާނަމަ އެމީހެއްގެ ކުރީގެ ހަނދާންތަކާއި އަދިވެސް ދުރަށް ނުދެވެނީ ކަމަށް ބެލެވިދާނެއެވެ. އެއިގެ ސަބަބުން މިހާރުގެ ގުޅުމަށް އެއިގެ އަސަރު ފޯރާނެއެވެ. ދެމީހުންގެ ދެމެދުގައިވާ ގުޅުމަކީ އެންމެ ރަނގަޅު ގުޅުމެއް ނޫންކަން އެނގޭނެ އެއްސިފައަކީ، ދެމީހުން އެކަކު އަނެކެއްގެ އިޙްސާސްތަކާއި ހަޤީގަށްތައް ހިއްސާ ނުކުރުމެވެ. ގުޅުން ހީނަރުވަމުންދަނީ ނަމަ އިހްސާސް ވާނީ އެމީހެއްގެ ދިރިއުޅުމުގެ ވާހަކަތަކަކީ ސިއްރުކޮށްފައި އޮންނަން ޖެހޭ ކަމެއްކަމުގައެވެ. ތިމާގެ ބައިވެރިޔާއަށް ތިމާ ބުނާ އެއްޗެއް ދޭހަ ނުވާކަމަށް ހީވުމާއި، ހިތުގައި ހުންނަ އެއްޗެއް ބޭނުންވާގޮތަށް ހިއްސާކުރުމަށް ފަސްޖެހުމަކީ ދެމީހުންގެ ދެމެދުގައިވާ ގުޅުން ހީނަރުވަމުންދާކަމުގެ އަލާމާތްތަކެވެ. ކޮންމެ ގުޅުމެއްގައިވެސް މައްސަލަތައް ޖެހޭއިރު އެމައްސަލައެއްގައި އެމީހެއްގެ ރޯލް އަމިއްލައަށް އެނގިގަންނަން ޖެހެއެވެ. އަދި އެންމެ އިސްކަމެއް އަބަދުވެސް ދޭންޖެހެނީ އެމައްސަލައެއް ހައްލުކޮށް ގުޅުން ރަނގަޅު ކުރުމެވެ. މައްސަލަތައް ހައްލުނުވެ، އަބަދުވެސް ދެމީހުން ޒުވާބުކޮށް އެކަކު އަނެކަކަށް މޮޅުވުމަށް މަސައްކަތްކުރާނަމަ އެގުޅުމެއް ގިނަ ދުވަހަކަށް ދެމިއެއް ނޯނާނެއެވެ. އެހެނީ އެއްވެސް މީހަކު މޮޅު ނުވާނެތީއެވެ. ދެމީހެއްގެ ދެމެދުގައިވާ ގުޅުން ގޯސްވެ އެގުޅުން ކެނޑިދާނެކަމުގެ ބިރުހީވާނަމަ ކުރެވިދާނެ ބައެއްކަންތައްތައް ހުރެއެވެ. އެގޮތުން ‘ރިލެކްސް’ ވުން ނުވަތަ ހަމަޖެހިގެން އެކަމާއި މެދު ވިސްނާލުން އެއީ އެންމެ މުހިއްމު އެއްކަމެވެ. އެހެނީ ގިނަ މީހުންނަކީ އެކި ކަހަލަ ރިލޭޝަންތަކުން އައިސްފައިވާ މީހުންނަށް ވުމުން އެމީހުންގެ ތަޖުރިބާތައް ވަރަށް ތަފާތުވާނެތީއެވެ. އެހެންކަމުން ބައިވެރިއާއި ޖެހޭ މައްސަލަތަކަށް އޮތް ހައްލު އަމިއްލައަށް ހަމަޖެހިގެން ވިސްނުމަށްފަހު އެކަމެއް ހައްލުކުރުމަށް މަސައްކަތް ކުރުމުން ނުކުންނަ ނަތީޖާ ރަނގަޅުވާނެއެވެ. ބައިވެރިޔާއި މައްސަލަ ޖެހެން ފެށުމުން އެމައްސަލައެއްގެ ހައްލު ވީހާވެސް އަވަހަށް ހޯދުމަށް މަސައްކަތް ކުރެވިދާނެއެވެ. އެގޮތުން ‘ބްލައިންޑް ސްޕޮޓް’ ނައްތާލުން ވަރަށް މުހިއްމެވެ. ޒުވާބުކުރުމަށް ހޭދަކުރާ ވަގުތާއި ހަކަތައިގެ ބަދަލުގައި އުފެއްދުންތެރި ހައްލެއް ގެނައުމަށް މަސައްކަތް ކުރެވިދާނެއެވެ. މައްސަލަ ޖެހެމުންދާ ގުޅުމެއްގައި ތަކުރާރުކޮށް މައްސަލަތައް ޖެހި އެކަންތައްތައް ހައްލު ނުކުރެވިދާނެކަމަށް ބެލެވޭނަމަ އިތުރު ބައެއްގެ އެހީ ހޯދުން ރަނގަޅެވެ. ނަމަވެސް އެގޮތުންވެސް އެންމެ އެކަށީގެންވާ ހައްލެއް ނުލިބޭނަމަ ސުލްހަވެރިކަމާއިއެކު ދުރުވެގަތުން ރަނގަޅެވެ. އެހެނީ ޒުވާބު ކުރުމަށް އިތުރު ވަގުތު ހޭދަ ނުކުރެވި ހަޔާތާއި ގެން ކުރިއަށް ދެވިދާނެ ފުރުސަތު އޮންނާނެތީއެވެ.