ހދ. ކުޅުދުއްފުށީ ކައިރިއަށް މިއަދު މަސްހިފަން މޫދަށް ފައިބައި އުޅުނު އެ ރަށު މީހަކަށް މިޔަރެއް ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
މިޔަރެއްގެ ހަމަލާގައި ޒަޚަމްވެފައި ވަނީ އެ ސިޓީއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެކެވެ. އޭނާއަށް މިޔަރު ހަމަލާދީފައި ވަނީ މަސްހިފަން ފައިބާ އުޅެނިކޮށް އެރަށުން ވާހަކަދެއްކި މީހަކު ކިޔައިދިނެވެ.
އެމީހާ ކިޔައިދިންގޮތުގައި މިއަދު ހެނދުނު އެރަށު ކުނިކޮށްޓާއި ދިމާއިން ބޭރަށް ޒަހަމްވި މީހާ އާއި އިތުރު ބަޔަކު މަސްހިފަން މޫދަށް ފޭބި ކަމަށާއި މިޔަރު ހަމަލާދިނީ އެ މީހާ ފެންމަތީގައި އޮއްވައި ކަމަށް އޭނާ ކިޔައިދިނެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިޔަރު ހަމަލާދީފައި ވަނީ އެމީހާގެ ކަނާތު ކޮނޑަށެވެ. ކޮނޑުގެ ތިރިން އަތުގެ ބޮޑު ބައެއް ވެސް އޮތީ މިޔަރު ދަތްއެޅުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެފައެވެ.
އެ މީހާއަށް ލިބިފައިވާ އަނިޔާއާ ގުޅޭ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އޭނާގެ ހާލަތު މިހާރު ސްޓޭބަލް ކަމަށެވެ.
އެ ހޮސްޕިޓަލުން ވިދާޅުވީ ޒަޚަމްވި މީހާ އިތުރު ފަރުވާއަށް މާލޭގެ އައިޖީއެމްއެޗަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހުރި ހަމައެކަނި ޕްލާސްޓިކް ސާޖަން ޑރ. މުޙައްމަދު ވަހީދުގެ ފަރާތުން ފަރުވާ ހޯދުމަށް ރިފާކޮށްފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ވިދާޅުވެއެވެ.
ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުގައި މިޔަރު ހަމަލާ ދިނުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ. މިދިޔަ އަހަރު އެމްއެންޑީއެފްގެ ޓްރެއިނިންގައި އުޅުނު ޒުވާނަކަށް މިޔަރެއް ހަމަލާދީފައިވާއިރު އެ ހާދިސާގައި އެ ޒުވާނާ ވަނީ މަރުވެފައެވެ.