މިއަހަރުގެ އެޕްރީލްމަހުގެ 23 ވަނަ ދުވަހުގެރޭ މަރާލައިފައި އޮއްވައި މާލެއިން ފެނުނު ސ. ފޭދޫ ޗަނބޭލީގޭ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އެޅެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ވިދާޅުވެފައިވަނީ ޔާމީން މަރާލައިފައި އޮއްވައި މ. ސްޕެޓިއުލާގޭގެ ސިޑިގޮޅިން ފެނުނުވަގުތުން ފެށިގެން ޚާއްސަ ޓީމެއް އެކުލަވައި އެ މައްސަލަ ބަލަން ފެށި ކަމަށެވެ. އަދި މިހާތަނަށްވަނީ އެކަމާ ގުޅުންހުރި 7 މީހުން ހައްޔަރުކޮށްފައެވެ. އޭގެތެރެއިން 3 މީހުންގެ ނަމާއި ފޮޓޯ ފުލުހުންވަނީ ހާމަކޮށްފައެވެ. އެއީ ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އެމީހުންގެ ނަމާއި ފޮޓޯ އާންމުކުރި ބަޔާނުގައި ފުލުހުން ވިދާޅުވެފައިވަނީ “ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގަށް މިހާރުވެސް ތަފާތުއެކި އުނދަގޫތަކާއި ގޮންޖެހުންތައް ފުލުހުންނަށް ކުރިމަތިވަމުންދާ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ.” ތަހުގީގާ އެއްވެސް ގުޅުމެއްނެތް ބަޔަކު ހާދިސާއާ ބެހޭގޮތުން އެމީހުންގެ އަމިއްލައަށް ދެކޭގޮތް މީޑިއާ މެދުވެރިކޮށް ރައްޔިތުންނާ ހިއްސާ ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދިޔައިރު ގާނޫނީ ބައެއް ވަކީލުންގެ ފަރާތުން ހުރަސްތަކެއް ދިމާވިކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭގޭ ސަބަބުން ގާނޫނީ ވަކީލަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމައްސަލަ ބަލަންޖެހިފައިވެސް ވެއެވެ. ކިތަންމެ ހުރަސްތަކެއް ދިމާވީޔަސް ފުލުހުންވަނީ އެމައްސަލަ ތަހުގީގުކޮށް އެކަންކުރި މީހުން ހޯދައިފައެވެ. އަދި އެކަމުގެ ހެއްކާއި ގަރީނާވެސް ހޯދައިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުން މިހާރު މަސައްކަތް ކުރައްވަނީ އެކަންކުރި މީހުންނާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރައްވަމުންނެވެ. ޔާމީން ރަޝީދުގެ މަރަށްފަހު ފުލުހުން ނަމާއި ފޮޓޯ ހާމަކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ މ. ތާއިފް އިސްމާއީލް ރަޝީދުގެ އާއިލާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔާމީން މަރާލި ކަމުގެ ތުހުމަތު އިސްމާއީލް ރަޝީދުގެ މައްޗަށް ކުރަނީ ދައުލަތުގެ ހެކިވެރިއަކަށް ވުމަށް ފުލުހުން އޭނާއަށް ހުށަހެޅި ހުށަހެޅުމެއް ގަބޫލު ނުކުރުމުންނެވެ. އަދި ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށްވެސް އެބަޔާނުގައިވެއެވެ. އެހެންނަމަވެސް ފުލުހުންވަނީ އެކަން ދޮގުކޮށްފައެވެ. އަދި ތަހުގީގަށް ހުރަސް އެޅޭ އެފަދަ ވާހަކަތައް ނުދެއްކުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވައިފައެވެ.