ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ފަހު ލެގުގައި ކުޅިވަރުގެ ރޫހާ ހިލާފް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވުނު ރެއާލް މެޑްރިޑްގެ ކުޅުންތެރިންގެ މައްސަލަ ބަލައި، ކުޅުންތެރިން ސަސްޕެންޑް ނުކޮށް، ޖޫރިމަނާއަކާ އެކު މައްސަލަ ނިންމާލައިފި އެވެ.
ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ސްޓޭޖްގައި ރެއާލް، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ދެވަނަ ލެގްގެ މެޗުގައި ރެއާލްގެ އެންޓޯނިއޯ ރުޑިގާ، ކިލިއަން އެމްބާޕޭ، ވިނީޝިއަސް ޖޫނިއާ، އަދި ޑެނީ ސެބާޔޯސް އަދަބާ ހިލާފު އަމަލުތަކެއް ހިންގި ކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ޔޫއެފާ އިން .ތަހުގީގު ފެށީ ޕެނަލްޓީ ޝޫޓްއައުޓުގައި އެތުލެޓިކޯ ބަލިކޮށް، ކުއާޓާ ފައިނަލްގެ ޖާގަ ރެއާލް ކަށަވަރު ކުރުމަށް ފަހު މި ހަތަރު ކުޅުންތެރިން އެތުލެޓިކޯގެ ސަޕޯޓަރުންނާ ދިމާލަށް އިޝާރާތްތަކެއް ކުރި ކަމަށް ތުހުމަތު ކުރެވިގެންނެވެ.
މައްސަލައިގައި ތުހުމަތުވި ކުޅުންތެރިންނަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށް ބިރު އޮތް ނަމަވެސް ޔޫއެފާ އިން ނިންމީ އޭގެ ތެރެއިން ތިން ކުޅުންތެރިއަކު ޖޫރިމަނާކުރުމަށެވެ. އެކަމުން ސަލާމަތްވީ ވީނިޝިއަސް ޖޫނިއާއެވެ.
މިއާ އެކު މައްސަލައިގައި ތުހުމަތުވި ކުޅުންތެރިންނަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އާސެނަލްއާ ދެކޮޅަށް ކުޅެވޭނެ އެވެ.
ޔޫއެފާ އިން ވަނީ ވިނީޝިއުސް އަށް އެއްވެސް ޑިސިޕްލިނަރީ ފިޔަވަޅެއް ނާޅާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ބާކީ ތިން ކުޅުންތެރިން ވެސް އަހުލާގީ މިންގަނޑާ ހިލާފު ވެފައި ވާތީ ވަނީ ޖޫރިމަނާ ކޮށްފަ އެވެ.
އެމްބާޕޭ އާއި ރުޑިގާ އަށް އެއް މެޗުގެ ސަސްޕެންޝަނެއް މާފު ކޮށްދީ، 25،000 ޕައުންޑް (33،000 ޑޮލަރު) އަދި 35،000 ޕައުންޑް (44،000 ޑޮލަރު) ގެ ޖޫރިމަނާއެއް ކޮށްފަ އެވެ.
މިޑްފީލްޑަރު ސެބާޔޯސް ޖޫރިމަނާ ކުރީ 17،000 ޕައުންޑް (22،000 ޑޮލަރު) އިންނެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލް އާ ދެކޮޅަށް އަންނަ އަންގާރަ ދުވަހު ނުކުންނައިރު، ދެވަނަ ލެގު ކުޅޭނީ އޭޕްރީލް 16 ވަނަ ދުވަހުގެ ރެއެވެ.