މޯލްޑިވިއަން ބްލަޑް ސާވިސަސް ގެ ޑިރެކްޓަރ ޖެނެރަލް ގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވައިފިއެވެ.
ހެލްތް މިނިސްޓްރީ އިން ބުނީ މި މަގާމަށް އައްޔަން ކޮށްފައި ވަނީ މެނޭޖްމަންޓް ދާއިރާ އަދި ހިންގުމުގެ ތަޖުރިބާ ހުރި އަހްމަދު މައުސޫމް ކަމަށެވެ.
އަހްމަދު މައުސޫމް އަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއްގެ އިތުރުން މީގެ ކުރިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ހެލްތް މިނިސްޓްރީން ބުނީ އެމްބީއެސް އަށް ޑިރެކްޓަރު ޖެނެރަލެއް މިއަދު ހަމަޖެހިގެން ދިޔައިރު ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަކާއި ޑިރެކްޓަރު އެއްގެ މަގާމަށް ވެސް ދެ ބޭފުޅުން ވަރަށް އަވަހަށް ހަމަޖެހިގެންދާނެއެވެ. އަދި ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެ ކަމަށާއި ތަނަށް މިވަގުތަށް ބޭނުންވާ 5 ނަރުހުން ހޯދުމަށްވެސް މިއަދު އިއުލާން ކުރެވިފައިވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ހައްލުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ. އަދި ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް އެމަނިކުފާނު އިއްޔެ އެމްބީއެސް އަދި އެމްބީއެސްގެ މަސައްކަތް ބަދަލުކުރަން ނިންމާފައިވާ އޮރެންޖް ހިޔާ އަށް ވަޑައިގެން އެތަންތަން ބެއްލެވުމަށް ފަހު ކުރެވުނު މަޝްވަރާއަށް ފަހު ވަނީ ނިންމަވާފައެވެ.