English Edition
Dhivehi Edition
ޖާހު ކުންފުނިން ހަދާ ފުލެޓުތައް: އެޗްޑީސީން ވަނީ ފުލެޓުތައް އެ ކޯޕަރޭޝަނާ ހަވާލުކުރަން އަންގައިފައި -- ފޮޓޯ/ އެޗްޑީސީ

ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި ‘ދަ ގާޑްންސް’ ފްލެޓުތަކުގެ މަސައްކަތް ނިންމަން ފަހު ފުރުސަތު ދިނުމުން ވެސް މަސައްކަތް ނުނިންމާތީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެ ކުންފުންޏާއެކު ހަދައިފައިވާ އެއްބަސްވުން ބާތިލުކޮށްފިއެވެ.

“ދަ ގާޑަން” ގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ އެޕާޓްމަންޓުތައް ނިންމަން ޖާހު ކުންފުންޏަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދެމުން އައިސް އެންމެ ފަހުގެ ފުރުސަތު ދިނީ މި އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.

އެޗްޑީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނިން ޖާހު އަށް ދިން “ގާނޫނީ ނޯޓިސް” ގެ މުއްދަތު ނުވަތަ 45 ދުވަހުގެ ތެރޭގައި އެޕާޓުމަންޓުތައް ނިންމާފައި ނުވާ ކަމަށެވެ. އެހެންވެ، ތަން ހަވާލުކުރަން މިހާރު އަންގާފައިވާނެ ކަމަށެވެ.

އެ އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ މީހުންނާ އެޗްޑީސީން ހިއްސާކުރާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

މީގެ އިތުރުން އެ ފިޔަވަޅު އެޅީ، ޖާހުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ މީހުންނަށް ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުންޏެވެ.

ޖާހުގެ ފްލެޓުތައް ނުނިމި ލަސްވާ މައްސަލަ ހައްލުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިދިޔަ ޖެނުއަރީ މަހު ވަނީ ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

އެ މައްސަލައިގައި ހިމެނޭ މީހުން ތަމްސީލުކުރާ ލޯ ފާމް، ޝުނާނާ އެންޑް ކޯ އިން ރައީސް މުއިއްޒަށް ފޮނުވި ސިޓީގައި ވަނީ އެޗްޑީސީން ރިއަލް އެސްޓޭޓް ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިހުމާލުތަކުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންތައް ލިބެމުންދާ ކަމަށެވެ.

ކޮންސްޓްރަކްޝަން ދާއިރާގައި ނަން ހިނގާ ޖައުސާ ކުންފުންޏާ އެއް ކުޑައިގެ ދަށުގައި އޮންނަ ޖާހު އިންވެސްޓްމެންޓްސަށް، ދަ ގާޑެންސް މަޝްރޫއު ހިންގަން ބިން ހަވާލުކޮށްފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައި، ދެއަހަރު ތެރޭ ނިންމާ ގޮތަށެވެ. ނަމަވެސް، މިހާތަނަށް ވެސް އެތަން ނިމިފައި ނުވެއެވެ.