English Edition
Dhivehi Edition
ޖެނުއަރީ 5 ގައި އައްޑޫގައި ބޭއްވި ބްރިޓިޝް ލޯޔަލްޓީ ޑައިވް ޙަރަކާތުގެ ތެރެއިން/ފޮޓޯ ޒަޔާން މުޚްތާރު އޭއޯ ނިއުސް

މަސްވެރިކަން ކުރާ ކޮންމެ ދޯންޏަކުން މަދުވެގެން އެއް ފަޅުވެރިޔަކު “ރެސްކިއު ޑައިވަރު” ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ހެދުމަށް ފިޝަރީސް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މި އަހަރު 80 ފަޅުވެރިޔަކު ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އޯޝަން ސިކްސް ފިފްޓީގެ ފަރާތުން އިންތިޒާމުކޮށްގެން ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އެކްރޮސް މޯލްޑިވްސް ޑައިވް ހަރަކާތުގެ ފުރަތަމަ ފިޔަވަހި އިފްތިތާހުކުރުމަށް ހުޅުމާލޭ ދެ ވަނަ ފިޔަވައްސާ ދިމާލުން ބީޗުގައި މިއަދު ބޭއްވި ހަރަކާތުގައި މިނިސްޓަރު ވިދާޅުވީ، މަސްވެރިކަން ކުރާ ހުރިހާ އުޅަނދުތަކެއްގައި މަދުވެގެން އެއް ރެސްކިއު ޑައިވަރަކު ތަމްރީނުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން މިހާތަނަށް 56 ޑައިވަރުން ތަމްރީނު ކޮށްފައިވާ ކަމަށެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން މި އަހަރު 80 ޑައިވަރުން ތަމްރީނުކުރެވި އަންނަ އަހަރުގެ ތެރޭގައި އެ މަޝްރޫއު އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މަސްވެރި ކޮންމެ އުޅަނދެއްގައި ތަމްރީން ލިބިފައިވާ ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ބޭނުމަކީ ފުޅިއަޅައިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމަށާއި އެ ފަރާތްތަކުގެ ފުރާނަ ސަލާމްމަތް ކުރުމުގެ ބޭނުމުގައި ސަރުކާރުން ކުރާ މަސައްކަތެކެވެ.

ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީންކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ޑައިވްކުރުމުގެ ތެރޭގައާއި އެ ނޫންވެސް ކަނޑުމަތީގައި ހިނގާފާނެ ހާދިސާއެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެވޭނެ އެވެ.