މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ހުރިހާ މަސައްކަތެއް ކުރެއްވެވީ ދިވެހި ރައްޔިތުން ފަރާތުންގެ އައި ފާޑުކިޔުން ބަލައިގަނެގެން ކަމަށާއި އަދި ރައްޔިތުން ކީ ފާޑަކީ ކުރިޔަށް ދާން ލިބުނު ގަދަ ހިތްވަރަކަށްވި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ވަޒީރު ކަމުގެ މަގާމުން ވަކިކުރެއްވުމާއި ގުޅިގެން މިއަދު ސޯޝަލްމީޑިއާގައި ފައިސަލް ޕޯސްޓް ކުރެއްވެވި ލިޔުއްވުމުގައި ވަނީ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އުފެދި، ނޮވެމްބަރު 17، 2023 ގައި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހުގައި ހިމަނުއްވައި މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ޚިދުމަތް ކުރާން ފުރުސަތު ދެއްވެވި ކަމީ ލިބިލެއްވެވި ނުހަނު މަތިވެރި އުފަލަކާއި ޝަރަފެއްކަމަށެވެ.
“ޖަނަވަރީ 28، 2025 ގައި މަގާމުން އަޅުގަނޑު ވަކި ކުރުމާ ހަމައަށް، އެ މަނިކުފާނުގެ ސަރުކާރުގައި ވޭތުވެދިޔަ މުއްދަތުގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރާން އަޅުގަނޑަށް ފުރުސަތު ދެއްވެވި ކަމީ އަޅުގަނޑު އަބަދުވެސް ފަޚުރުވެރިވާނެ ކަމެއް.. އަދި އެކަން މައްޗަށް މާތް الله އަށް ޝުކުރުވެރިވާ ކަމެއް. ދިވެހި ގައުމަށާއި ދިވެހި ރާއްޖޭގެ ޓޫރިޒަމަށް ޚިދުމަތް ކުރާން އަޅުގަނޑަށް ފުރުޞަތު ދެއްވި ކަމައްޓަކައި އިހުލާސްތެރި ކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާ ކުރަން” ފައިސަލް ލިޔުއްވަވާފައިވެއެވެ.
ޕޯސްޓްގައި އިތުރަށް ފައިސަލް ވިދާޅުވެފައިވަނީ ވޭތުވެ ދިޔަ ތަނުގައި، ހަވާލު ކުރެއްވި މަސައްކަތް އަޅުގަނޑު އަދާ ކުރައްވަވާފައި ވާނީ ޝައުގުވެރިކަމާއި އިޙްލާސްތެރި ކަމާއެކު ތެދުވެރިވެ ހުންނަވައިގެން ކަމަށާއި އަދި ޤާބިލިއްޔަތު ތަންދިން އެންމެ އުސް ދަރަޖައިގައި ވަރުބަލިނުވެ ކަމަށެވެ.
“އަޅުގަނޑާ ހަވާލު ކުރެއްވި ޓޫރިޒަމްގެ އަމާޒުތަކަށް ވާސިލުވާން މަސައްކަތްކޮށްފައި ވާނީ ދިވެހިރައްޔިތުންނާއި ގާތުން. ބަދަލުވަމުންދާ ދުނިޔޭގެ ފަތުވެރިކަމަށް ބަލައިގެން. ދިވެހި ސަރުކާރުން މިދިއަ އަހަރަށް ކަނޑައެޅި މައިގަނޑު އަމާޒު، 2 މިލިއަން ޓޫރިސްޓުންގެ ލަނޑު ދަނޑިއަށް ވާސިލު ވެވުނު. އެއީ ދިވެހިންގެ ހަޔާތުގައި ތާރީޚީ އުފަލަކާއި ބޮޑު ކާމިޔާބީއެއް. އެ އުފާ ދިވެހި ސަރުކާރާއި ރައްޔިތުނަށް ހޯދައި ދޭން އަޅުގަނޑަށް އުޅެވުނީ ޓޫރިޒަމް އިންޑިސްޓްރީގެ އަޑު އަހައިގެން.. ދިވެހި ރައްޔިތުން ފަރާތުންގެ އައި ފާޑުކިޔުން ވެސް ބަލައިގަނެގެން. ރައްޔިތުން ކީ ފާޑަކީ ކުރިޔަށް ދާން އަޅުގަނޑަށް ލިބުނު ގަދަ ހިތްވަރަކަށްވި ” ފައިސަލް ލިޔުއްވާފައިވެއެވެ.
ފައިސަލް އިތުރަށް ވިދާޅުވެފައިވަނީ ދިވެހި ސަރުކާރާއެކު ދިވެހި ގައުމަށް ޚިދުމަތް ކުރެއްވެވި އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި އެ މަނިކުފާނުގެ ވަޒީރުންގެ މަޖިލީހާއި ޓޫރިޒަމް މިނިސްޓަރީގެ ސިޔާސީ މުވައްޒަފުންނާއި ސިވިލްސާވިސް މުވައްޒަފުންގެ ފަރާތުން ފައިސަލް އަށް އެއްބާރުލުން ދެއްވަވާފައިވަނީ ނުހަނު ބޮޑަށް ކަމަށެވެ.
ޓޫރިޒަމް އިންޑަސްޓްރީ އާއި އެ އިންޑަސްޓްރީގައި ހިމެނޭ މަޓީ، މަޓާޓޯ އަދި ގެސްޓް ހައުސް އެސޯސިއޭޝަނާއި އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް، އަޅުގަނޑަށް ދެއްވެވި އެއްބާރުލުމަކީ ގަދަ ބާރަކަށްވި ކަމަށެވެ.
މީގެ އިތުރުން ފައިސަލް ވަނީ ފާއިތުވި ދުވަސްތަކުގައި ކުރައްވެވި ކާމިޔާބު މަސައްކަތް ތަކާއި އަދި ފެއްޓެވި މުހިއްމު މަސައްކަތް ތަކަށް އަލިއަޅުވައި އެމަސައްކަތް ތައް ކުރިއަށް ގެންދަން ޖެހޭ ކަމުގެ މުހިއްމުކަމުގެ މައްޗަށް ލިޔުއްވަވާފައެވެ.
“ދިވެހި ގައުމަށް ޚިދުމަތް ކުރުމަކީ އަބަދުވެސް އަޅުގަނޑުގެ އެންމެ ބޮޑު އުފާ. ދެކޭ އެންމެ ބޮޑު ހުވަފެން. އަޅުގަނޑު އަދާ ކުރަން ޖެހޭ އެންމެ ބޮޑު ގައުމީ ވާޖިބުވެސް މެ. އަޅުގަނޑު އެދެނީ ދިވެހި ގައުމާއި، ރާއްޖޭގެ، ޓޫރިޒަމަށް ފެހި ކަމާއި އާރޯ ކަން ލިބިލިބި ހުރުން.” ނިންމާލަމުން ފައިސަލް ލިޔުއްވަވާފައިވެއެވެ.