English Edition
Dhivehi Edition
ޝުޖާއު

މިހާރު ފެނިގެންދަނީ ރާއްޖޭގައި އިޖްތިމާއީ ރައްކާތެރިކަން ގާއިމްކޮށް ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ ރައީސަކު “މިހާ ބުރަކޮށް” މަސައްކަތް ކުރާ ފުރަތަމަ ފަހަރު ކަމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އުތުރުގެ ބައެއް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހއ. ތަކަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި މެންބަރުން ޝުޖާއު ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ރައީސްކުރައްވާ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ހާލު ބެއްލެވުމާއި އަޑު އެއްސެވުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ގައުމުގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެތި އަދި ގޭންގުކުށްތައް އޮތީ އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ފާއިތުވި މަސްތަކުގައި ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

20 ވަނަ މަޖިލީހަށް މިހާރު 8 މަސްދުވަސް ވެފައިވާއިރު، މި މުއްދަތުގައި ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށް ޝުޖާއު ވިދާޅުވީ މިހާރުވެސް މަޖިލީހަށް މުޙިއްމު ދެ ބިލެއް ހުށަހެޅިފައިވާ ކަމަށެވެ.