ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ބޯޓެއްގައި ސިނގިރޭޓު ވަގަށް އެތެރެކުރި ކަމަށް ބުނާ މައްސަލައިގައި އެ ކުންފުންޏަށް ކުރާ ތަހުގީގު ބިނާވެފައިވަނީމަނީ ލޯންޑްރިން ކުށް ކަމުގައި ފުލުހުން ބުނެފި އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކަސްޓަމްސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ އެ މަހުގެ 25 ވަނަ ދުވަހު ވަނީ ހޯކްސް ކުންފުނީގެ ބޯޓެއް ކަމަށްވާ ‘އެމްޓީ ހޯކްސް ޖަވާހިރު’ އާއި، ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓުޔާޑު ބަލައި ފާސްކޮށްފައެވެ. އަދި މި އޮޕަރޭޝަނުގައި ގާތްގަނޑަކަށް 1.7 މިލިއަން ސިނގިރޭޓު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ، ރާއްޖެއަށް 200 މާސްޓަ ކާޓަން މެންޗެސްޓަ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލަ އެ ހިދުމަތާއި ކަސްޓަމްސްއިން ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި ހަމައެހެންމެ މި މައްސަލައިގެ ތަހުގީގު ބިނާވެފައި ވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށެވެ.
އެ ގޮތުން މި ތަހުގީގު ބިނާވެފައިވަނީ ސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާ އަދި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިން ކުށް ކަމުގައެވެ.