English Edition
Dhivehi Edition

މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ފައިނަލުގެ ޖާގައެއް އިޓަލީގެ ޔަނިކް ސިނާ ހޯދައިފިއެވެ.

މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ސިނާ ޖާގަހޯދީ ސެމީ ފައިނަލްގައި 21 ވަނައަށް ސީޑު ކުރެވިފަވާ އެމެރިކާގެ ބެން ޝެލްޓަންއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ސިނާ ގެންގޮސްފައިވަނީ ހަތެއް ހައެއް, ހައެއް ދޭއް އަދި ހައެއް ދޭއްގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިނާވަނީ މިމެޗުގައި އޭނާ ވަރަށް ގިނަ ފަހަރު ހާސް ކަމުގެ ތެރެއަށް ދިޔަކަން ފާހަގަކޮށްފައެވެ. އަދި ކޮންމެ ވެސް ވަރަކަށް އަކުނި ވަޔަށް ދެ މިކަމަށް ވެސް އޭނާ ހާމަކުރިއެވެ. ސިނާ ހާމަކުރިގޮތުގައި ތިން ސެޓުގެ މެޗެއް ދެ ގަޑިއިރާއި ބައި ވަންދެން ކުޅެވުމުން އެނގެނީ މިއީ ފަސޭހަ މެޗެއް ނޫންކަމެވެ.

ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އަދި އެންމެ ފަހުގެ ޗެމްޕިއަން ސިނާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދުމާއެކު އޭނާއަށް ވަނީ 93-1992 ވަނަ އަހަރު ޖިމް ކޫރިއާ އަށްފަހު ޖެހިޖެހިގެން އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ލިބިފައެވެ.

އަދި މި މުބާރާތް ސިނާ ކާމިޔާބު ކޮށްފިނަމަ އޭނާ ވެގެންދާނީ ގްރޭންޑް ސްލޭމް ސިންގަލްސް ތިން މުބާރާތް ކާމިޔާބުކުރާ އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.