ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ޓްރާންސްފޯމަރަކުން މީހަކު ވައްކަން ކުރަނިކޮށް، އެތަނަށް ގޮސް އެކަން ހުއްޓުވި ސްޓެލްކޯގެ މުވައްޒަފުންނަށް ހިތްވަރުދިނުމުގެ ގޮތުން އެ ކުންފުނިން ”މެޑަލް އޮފް ބްރޭވަރީ” ދީފިއެވެ.
ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު ދެމީހުން ހުއްޓުވައި އެމީހުން ކަމާބެހޭ ފަރާތްތަކާއި ޙަވާލުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވެ، ވަގުން ދިން ހަމަލާގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އަޙުމަދު ވިޝާނެވެ.
ސްޓެލްކޯއިން ވިދާޅުވީ، އެކަން ހުއްޓުވަން މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ވިޝާނަށް ސްޓެލްކޯގެ ‘މެޑަލް އޮފް ބްރޭވަރީ’ އަރުވާފައިވާއިރު، އަދި އެކަމުގައި ދެން ހަރަކާތްތެރިވި މުވައްޒަފަށް އެކަމުގެ ހަނދާނީ ލިއުމެއް އަރުވާފައިވާ ކަމަށެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޓްރާންސްފޯމަރު ވަގަށް ނެގުމުގެ ހާދިސާގައި އަސަރުކުރި މުވައްޒަފުންނަށް ހިތްވަރުގަދަކަމުގެ މެޑަލް ދީފިއި ވާކަމަށް ބުނެފައެވެ.
މި މެޑަލް ދިނީ އެ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއްގައި ވެސް ދެއްކި ހިތްވަރާއި ވަފާތެރިކަމަށް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ޓްރާންސްފޯމަރަކުން މީހަކު ވައްކަން ކުރަނިކޮށް، އެތަނަށް ދެވުނު މުވައްޒަފު އެކަން ހުއްޓުވަން އުޅުމުން ވަގުން ވަނީ އޭނާއަށް ރެންޗަކުން ހަމަލާދީފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރުތަކަކީ އެ ކުންފުނިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއްނޫން ކަމުން، އެ ތަންތަނުގައި ސީސީޓީވީ ނެތް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިހާރުގެ އެޗްޑީސީގެ މެނޭޖުމަންޓާ ގުޅިގެން އެ ތަނުގައި ސީސީޓީވީ ފުޓޭޖް ބެހެއްޓުުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ޓްރާންސްފޯމަރުތަކުން ވައްކަންކުރުން މިހާރު ވަނީ ވަރަށް އާންމު ވެފައެވެ. މީގެ ކުރިންވެސް ކަރަންޓު ކޭބަލްތައް ބުރިކޮށް ވިއްކާ މައްސަލަ ވަނީ ބޮޑުވެފައެވެ.