English Edition
Dhivehi Edition

އާސަންދައިން ބޭސް ލިބުން ދަތިވާނަމަ އެކަން ރިޕޯޓުކުރަން އެ ކުންފުނިން މިއަދު އެދެފިއެވެ.

އާސަންދަ އޮފީހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާސަންދަ ސްކީމްގެ ދަށުން ބޭސް ލިބުމުގައި ހުރި ކަންބޮޑުވުންތައް ރިޕޯޓް ކުރުމަށް އެދޭ ކަމަށާއި ބޭސް ގަންނަން ދިއުމުން އަމިއްލަ އަތުން ފައިސާ ދައްކަން ޖެހޭނަމަ ނުވަތަ ބޭހެއް އާސަންދައިން ލިބެން ނެތް ނަމަ ވައިބާ މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

ޝަކުވާ ހުށަހަޅަން ޖެހޭނީ 7591400 އަށެވެ. ޝަކުވާ ހުށަހަޅާއިރު ބޭހުގެ ނަމާއި ބޭސް ސިޓީ އަދި ރަސީދު ވެސް ފޮނުވަން އާސަންދައިން ވަނީ އެދިފައެވެ.

ބޭހަށް އާސަންދަ ދޭ އަގު މި ފަހުން ކުޑަކުރުމާ އެކު، އެކި ސަބަބުތަކާ ގުޅިގެން އެ ސްކީމުން ބައެއް ބޭސްތައް ދޫކުރުން ވަނީ ހުއްޓާލައިފަ އެވެ. އެކަމަކު، ހަމަ އެ ފާމަސީތަކުން އެ ބޭސްތައް ގަންނަން ލިބެ އެވެ.

ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމުކަމުގައިވާ އާސަންދައިން ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޭހަށެވެ. އެހެންކަމުން ބޭހަށް ކުރާ ޚަރަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އާސަންދައަށް މަޖިލީހުން ފާސްކުރާ ބަޖެޓަށް ވުރެ ބޮޑު ހޭދައެއް ކޮންމެ އަހަރަކު އާސަންދައަށް ކުރަންޖެހި އެ ނިޒާމުވަނީ ދައުލަތަށް ބޮޑު ބުރައަކަށް ވެފައެވެ. އެހެންވެ، އާސަންދައިން ވަނީ އަގު ބޮޑުކޮށްގެން ވިއްކާ 250 ބޭހަކަށް އާސަންދައިން ދޫކުރާ އަދަދު ކޮންޓްރޯލްކޮށްފައެވެ.