ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނައިންޓީ ޕްލަސް ގޯލްޑްކަޕް 2024 ގެ ފައިނަލްމެޗް ޝަރަފުވެރިކޮށްދެއްވައި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޭދަފުށީ ޓީމަށް ޓްރޮފީ ހަވާލުކޮށްދެއްވައިފިއެވެ.
މި މުބާރާތުގެ ފައިނަލުގައި ބ. އޭދަފުއްޓާއި އައްޑޫ ސިޓީ ބައްދަލުކުރި މެޗާއި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ.
0-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް، “90 ޕްލަސް ގޯލްޑް ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބ. އޭދަފުށީ ޓީމެވެ. ޗެމްޕިއަން ޓީމަށް މެޑެއްޔާއި ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފައިނަލް މެޗުގައި ބ. އޭދަފުށި ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގޯލުޖެހި ބޯޅައިގައި ސޮއިކުރައްވާފައެވެ.
“90 ޕްލަސް ގޯލްޑް ކަޕް 2024” ފުޓްބޯޅަ މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ ފަރާތަކުން ރާވާ، ހިންގި ފުޓްބޯޅަ މުބާރާތެކެވެ. މިދިޔަ މަހުގެ 20 ގައި ފެށި މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 17 ޓީމަކުން ވާދަކުރިއެވެ. ގޯލްޑް ކަޕްގެ ސަބަބުން ދިވެހި ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ މޮޅު ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުޞަތު، އައު ކުޅުންތެރިންތަކަކަށް ލިބިގެންދިޔައެވެ.